މިއަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރު، މިދިޔަ މެއި މަހު، ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

Ads by Asuru

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނި ގޮތުގައި އޭޕްރީލްމަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރީ 92 މީހެކެވެ.

އަދި މެއިމަހު މިބަލި ޖެހިގެން 185 މީހަކު ރިޕޯޓް ކުރިއެވެ. އޭޕްރީލްމަހުގެ ފަހު ހަފްތާގައި 32 މީހަކަށް ޑެންގީ ހުން ޖެހުނުއިރު، މެއިމަހުގެ ފަހު ހަފްތާގައި ބަލި ޖެހިފައިވަނީ 73 މީހަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެ އެޖެންސީން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ މަދިރި އާލާވުމުގެ ފުރުސަތު ނުދިނުމެވެ.

އެގޮތުން މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ، ފަތިސް ގަޑިއާއި އިރުއޮއްސޭ ގަޑީގައި ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރުން، މަދިރި ލޯޝަނާއި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން ހިމެނެއެވެ.