ސަރުކާރުގެ މަލަމަތި ރީތި ކުރުމަށް ފުލުހުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފު ތުހުމަތު ކުރައްވައިފިއެވެ.
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ތަރުޖަމާނު ނުޕޫރު ޝަރްމާ ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލަ، އިސްލާމީ ގައުމުތަކުން ކުށްވެރި ކުރަމުންދިޔައިރު، ދިވެހި ސަރުކާރުން ހުރީ ހަނެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވީފަހުން، ނުޕޫގެ ވާހަކަތައް ކުށްވެރިކޮށް ހާރިޖީ ވުޒާރާއިން އިއްޔެ ބަޔާނެއް ނެރުނު ނަމަވެސް، ފާޑުކިޔުންތައް ހުއްޓިފައެއް ނުވެއެވެ. ގިނަ ބަޔަކު ބުނާގޮތުގައި، ސަރުކާރުން ބީޖޭޕީއާ ދެކޮޅު ކަަމަށް ހަދައި، ބަޔާން ނެރުނީ ރައްޔިތުންނަށް އޮޅުވާލުމަށެވެ.
ލޯޔަރު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާގެ މި މުޑުދާރު އަމަލުގެ އަވައިގައި ޖެހިގެން ކިލަނބުވެފައިވާ އެމްޑީޕީގެ ކޯލިޝަން ސަރުކާރުގެ މަލަމަތި ރީތި ކުރުމަށް ފުލުހުން ބަޔާނެއް ނެރޭނެ ކަމަށް ވިދާޅުވެފައެވެ.
”އާންމު އުސޫލުން ނެރެފައިވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓުވޯރކެއް ހިފައިފި ޓަނެއްހާ މަސްތުވާ ތަކެތި އަތުލައިފި، ނޫނީ ކޮންމެވެސް މައްސަލައެއްގެ ތަފްސީލެއް ދޭނެ.“ އާސިފް ލިޔުއްވިއެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ”ޑްރާމާ“ތަކަށް ރައްޔިތުން މިހާރު ވަރަށް ފަރިތަވެއްޖެ ކަމަށެވެ.
އިންޑިއާގެ ހައްދުފަހަނަ އެޅި ބީޖޭޕީ ސަރުކާރުގެ ނިވަލުގައި ރާއްޖޭގައި އޮތް ހަރުކަށި އެމްޑީޕީ ކޯލިޝަނުގެ ސަބަބުން ދިވެހިންގެ އަސްލުތައް ގެއްލެމުން އަންނާތީ ކަންބޮޑުވުންފާޅުކުރައްވައި އާސިފް ވަނީ ދިވެހީންނަކީ މުސްލިމުންނަށް ވުމަކީ ރާއްޖޭގެ އަސާސީ ސިފައެއްކަން ފާހަގަކުރައްވައިފައެވެ.
”ކޮންމެ ޑްރާމާއެއް ކުޅުނަސް ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް ހަޖޫ ޖެހުމާއި އެކަންކަން ދިފާއު ނުކުރާ ބަޔަކަށް މި ކޯލިޝަން ސަރުކާރު ނުވާނެ.“ އާސިފް ވިދާޅުވިއެވެ.

ދާދި ފަހުން، ޓިކްޓޮކް ކުޅޭ މަރިޔަމް ޝިފާ، އަންހެނަކާއެކު ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯއެއް އާންމުވެފައިވާއިރު، މިފަދަ މައްސަލަތައް ފުލުހުން ނުބަލާތީ ގިނަ ބަޔަކު ދަނީ ފުލުހުން، އެމީހުންގެ ޒިންމާ އަދާކުރާކަމާމެދު ސުވާލު އުފައްދަމުންނެވެ.
މިފަދަ ހައްސާސް މައްސަލަތަކަށް ސަމާލުކަން ނުދީ، ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމާއި މިނިވަންކަމާއެކު އެއްވެއުޅުމުގެ ހައްގުގެ ބޭނުންކޮށް، އިންޑިއާގެ ނުފޫޒާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވައި، ”އިންޑިއާ އައުޓް“ ބެނާތައް ނެގުމުގައި ފުލުހުންގެ ވަގުތުތައް ނަގާލާ ކަމަށް ބުނެވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި ދިވެހިރާއްޖޭގައި ބުދުކޯލެއް ޔާމީނު ބެހެއްޓިއިރު ތިއަބުނާ އާސިފަކާ ޕީޕީ އޮތީ ކޮންތާކު