ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރުމާ ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ނުކުންނަން ނިންމައިފިއެވެ.
މަގޭނަބިއްޔާގެ ނަމުގައި މިއަދު ޒުވާނުން ބާއްވާ ސައިކަލު ބުރު އޮންނާނީ، ހަވީރު 4:00 ގައި ރަސްފަންނުގައެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ބާއްވާ މި ސުލްހަވެރި އެއްވުމުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވާން އެދިވަޑައިގަންނަވާ ކަަމަށެވެ.
”ސިޔާސީ ފިކުރަކަށް ނުބަލައި، އެންމެހާ ދިވެހި ޒުވާނުން ސުލްހަވެރިކަމާއެކު ރަސޫލާގެ ހައްގުގައި އަތުގުޅާލާ.“ ޝަހީމްގެ ޕޯސްޓުގައިވެއެވެ.
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރްމާ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި އިސްލާމީ ގިނަ ގައުމުތަކުން ވަނީ އަޑު އުފުލައި، އޭނާގެ އަމަލު ކުށްވެރި ކޮށްފައެވެ. ދިވެހި ސަރުކާރުން އެކަން ކުށްވެރި ކުރީ، ކަން ހިނގިތާ ހަފްތާއެއް ފަހުންނެވެ.
