އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަކުރި މައްސަލަ އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ ތިން ކައުންސިލަރުން ކުށްވެރި ކުރިއިރު، އެމްޑީޕީ ކައުންސިލަރުން މިކަން ކުށްވެރިއެއް ނުކުރިއެވެ.

Ads by Asuru

އެ ތިން ކައުންސިލަރުންގެ ފަރާތުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަަސޫލާ(ސ.އ.ވ) އަށް ފުރައްސާރަ ކުރި މައްސަލަ ޕީޕީއެމްގެ ފަރާތުން ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ބޭރުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ ލަދުވެތި ކަމެއް ކަމަށެވެ.

އެގޮތުން އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދިން މެމްބަރުންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާ ކުރާ ކަމަށާއި ރަސޫލާ އިސްލާމީ އުންމަތަށް ގެންނެވި ޝަރީއަތަކީ އެންމެފަހުގެ ރިސާލަތުކަމާއި، އެއްވެސް އުނި އިތުރު ކަމެއް ނައިސް މި ޝަރީއަތް ގިޔާމަތާ ހަމައަށް ދެމި އޮންނާނެކަން ޔަގީންކުރުމަށް އެ މައްސަލަ ބޭރުކުރި މެމްބަރުންނަށް ހަނދުމަކޮށް އަރުވާ ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރްމާ ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކުރީ، ކަން ހިނގިތާ ހަފްތާއެއް ފަހުންނެވެ.