މާތް ނަބިއްޔާ މުހައްމަދު(ސ.އ.ވ)އަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ދެ އޮފިޝަލަކު ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް ލ.ފޮނަދޫގައި ވެސް ގިނަ ބަޔަކު އެއްވެ، އަޑު އުފުލައިފިއެވެ.
ފޮނަދޫގައި އިއްޔެ ބޭއްވި ސައިކަލު ބުރުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ. ”މަގޭ ނަބިއްޔާ“ މިނަމުގައި ބޭއްވި ރެލީގެ ބައިވެރިން ވަނީ، ބީޖޭޕީގެ އަމަލު ކުށްވެރިކޮށްފައެވެ.
ދާދި ފަހުން، ނަބިއްޔާގެ ދިފާއުގައި މާލޭގައިވެސް ސައިކަލު ބުރެއް ބޭއްވިއިރު، މި ހަރަކާތަށް ވަރަށް ގިނަ ޒުވާނުންގެ ތަރުހީބު ލިބުނެވެ.
ބީޖޭޕީގެ އިސް ދެމީހަކު ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން، އިންޑިއާގެ އެކި ހިސާބުތަކުގައިވެސް މުސްލިމުން ވަނީ މުޒާހަރާ ކޮށްފައެެވެ.