ފަލަސްޠީނުގެ މައުސޫމް ރައްޔިތުންގެ ޙައްޤުތައް ހޯދަން ރާއްޖެ އަށް އިޒްރޭލާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ  ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ފަލިސްތީނަށް އިންސާފު ހޯދައި ދޭން އެހީވުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތް ކަމަށެވެ.

”ބައިނަލްއަގުވާމީ މުޖުތަމައުގެ އިސް ނަގަންދެން މަޑުކޮށްގެން ތިބުމުހެ ބަދަލުގައި ފަލަސްތީނާ މެދު ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް.“ މައުމޫންގެ ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގެ 13 ވަނަ މާއްދާގައި ކުށްކުރީ ކޮންމެ ތަނެއްގައި ކަމަށް ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިޒްރޭލުން މިދިޔަ މަހުގެ 7 ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފެށި އަނިޔާވެރި އުދުވާނުގައި މިހާތަނަށް 10،000 އެއްހާ މީހުން ވަނީ ޝަހީދުކޮށްފައެވެ.