ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ ”ރިޕޯޓާސް ވިތައުޓް ބޯޑާސް“ ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ ”ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް“ ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 15 ދަރަޖަ ފަހަތަށް ވަނީ ވެއްޓިފައެވެ.

Ads by Asuru

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އެ ޖަމިއްޔާ އިން އާންމުކުރި އިންޑެކްސްގައިވާ ގޮތުން، މި އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިދިޔަ އަހަރުގެ އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގައެވެ. އެހެންކަމުން އެއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.

މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އެ އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ އަދި 2019 ވަނަ އަހަރު 98 ވަނައިގައި އޮތް އިރު، 2020 ވަނަ އަހަރު އޮތީ 79 ވަނައިގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ބައިނަލްއަގްވާމީ މިންގަނޑުގައި ރާއްޖެ މިހާ ބޮޑަށް މި ވެރިކަމުގައި ފަހަތަށް ޖެހުނުއިރު، މިއީ މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރަމުން އައި ސަރުކާރެކެވެ.

ނޫސްވެރިންނާ ގާތް ގުޅުމެއް ބޭއްވެވުމާއި، ނޫސްވެރިން މިނިވަން ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މުހިންމު ވައުދުފުޅެކެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅުއްވާނެ ކަމަށާއި، ރައްޔިތުންނަށް އެ ހައްގު ލިބިދީފައި އޮތުމަކީ، އެމަނިކުފާނުގެ ސަރުކާރުން ޖެހިލުންވާނެ ނުވަތަ ފަސް ޖެހޭނެ ކަމެއް ނޫން ކަމަށްވެސް މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ނަމަވެސް، ވެރިކަމުގެ ކުރީކޮޅުގައި ނޫސްވެރިންނާ ބައްދަލު ކުރެއްވި ވަރަށްވެސް މިހާރު ނުކުރައްވައެވެ. ވައުދުވެވަޑައިގަތީ މަހަކު އެއް ފަހަރު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށެވެ. ދައްކަން މިއުޅެނ އެވާހަކައެއް ނޫނެވެ. ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ނުކުރެއްވިނަމަވެސް، ނޫސްވެރިންނަށް މިނިވަންކަން ދެވިއްޖެތޯ އުފެދޭ ސުވާލުގެ ވާހަކައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމަށް ނޫސްވެރިންނަށް މިއަދުވެސް އެތައް ގޮންޖެހުމެއް އެބައޮތެވެ. އިދާރާތަކުން ސައްހަ މައުލޫމާތު ނުދިނުމާއި، މީޑިއާއަށް މައުލޫމާތު ދެއްވަން ތިއްބަވާ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވުމަކީވެސް މިނިވަންކަމާއެކު މަސައްކަތްކޮށް، ރައްޔިތުންނަށް ތެދު ޚަބަރު ގެނެސްދިނުމަށް ނޫސްވެރިންނަށް ހުރި ގޮންޖެހުންތަކެވެ.

ދެން އޮތީ ސިޔާސީ ނުފޫޒުގައި ޖެހި، ނޫސްވެރިން ހައްގު ބަސް ބުނަން ފަސްޖެހޭ މައްސަލައެވެ. މިއީ މިއަދު މިނިވަން ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހެވެ. މި ހުރަސް ނައްތާލެވޭނީ، މީޑިއާތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވިގެން ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ނޫސްވެރިންނަށް ސަރުކާރަށް ފާޑުކިޔައި، ޚަބަރު ގެނެސްދިނުމަކީވެސް، މިއަދުވެސް ފަސޭހަ ކަމެއް ނޫނެވެ. މާލީ އެހީތެރިކަން ލިބުން ފަދަ ސަބަބުތަކާ ހުރެ، ސަރުކާރަށް ފާޑު ކިިޔުމަކީ، ބައެއް ނޫސްތަކުން ކުރަން ބޭނުންވާ ކަމަކަށްވެސް ނުވެއެވެ.

އަދި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ހާމަ ކުރުމަކީ ފަސޭހަ ކަމަކަށްވެސް ނުވެއެވެ.