މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި ތައުލީމުގެ ގާނޫނުގެ 6 ވަނަ މާއްދާ އާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ޙާލަތުގައި ވިޔަސް އެއްވެސް ތަފާތުކުރުމެއްނެތި ކުއްޖާގެ އުމުރުފުރާ އާ ގުޅޭ ގޮތަށް ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.
މިގޮތުން ދަރިވަރުންގެ ކިޔެވުން ރާވާ ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިކަން ކުރުމަށް އެހީތެރިވެދޭނީ ކަރެކްޝަނުން ކަމަށް މައުލޫމާތު ދެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ އަޙުމަދު ޢަލީއެވެ. އަދި މޯލްޑިވްސް ކަރެންޝަނަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅެވެ.
