ބުލީ ކުރުން، ނުވަތަ ހަނގާ ކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި މިއަދު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

މިކަމުގެ ޝިކާރައަކަށްވާ ކުދިންނަށް އެތައް ގޮތަކުން އުނދަގޫތައް ކުރިމަތިވެއެވެ. އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމާއި، މުޖްތަމައުގައި ކަންކަމާ ކުރިމަތިލާން ފަސްޖެހެއެވެ.

ހަނގާގެ ޝިކާރައަކަށްވާ ކުދިން ގިނަވަނީ، ”ބުލީސް“ ނުވަތަ ހަނގާ ކުރާ ކުދިން އިތުރުވާތީއެވެ.

ހަނގާ ކުރާ ވަރަށް ގިނަ ސަބަބުތަކެއް ހުންނާނެއެވެ. މީގެތެރެއިން ކުޑަ މިންވަރެއް ހިމަނާލަން ގަސްދު ކުރަމެއެވެ. މިގޮތުން ހަނގާ ކުރާ މީހުން ދެކޭގޮތުގައި އެމީހުންނަކީ އެހެން މީހުންގެ ކުރިމަތީގައި ވަރަށް ގަދަ މީހަކަށް ވެފަ، އެތަނެއްގައި ތިބޭ ބަޔަކުގެ ތެރޭގައި ބަރާއި ނުފޫޒްގެ ގޮތުން އަރައި ހުންނަމީހަކަށްވެއެވެ. އެމީހަކީ ކުރީގައި ހަނގާކުރުމުގެ ސަބަބުން ހަނގާގެ ޝިކާރައަކަށްވެ އެކަމުގެ ސަބަބުން އަސަރު ކޮށްފައިވާ މީހަކަށްވެސް ބައެއް ފަހަރު ވެފައި ހުރެއެވެ. ހަނގާ ކުރުމުގެ ސަބަބުން އެހެންމީހުންގެ ކުރިމަތީގައި މަޝްހޫރުވެ އެވާހަކަ އަޑު އިވި ފެންނާތީއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބައެއްމީހުން ހަނގާ ކުރަނީ އެހެންމީހުންގެ ސަމާލުކަން އެމީހަކަށް ލިބިގަތުމަށެވެ.

އަނެއްބައެއްގެ މަޤްސަދަކަށް ވަނީ އެހެން މީހުން އޭނާދެކެ ޖެހިލުންވެ ބިރުގަންނަ މީހަކަށްވުމެވެ. މީގެއިތުރުން އެމީހުނަށް މިކުރެވެނީ ކީއްކަމެއް އަދި އެމީހުންގެ އުޅުމާއި އަޚްލާޤްގެ ސަބަބުން ތިމާފަދަ އަނެކާއަށް ކުރާނެ އިހްސާސްތައް ނޭނގޭ ނުވަތަ ނުވިސްނޭހާލު ގައިވެސް ހަނގާ ކުރެއެވެ. މިކަންކަމަކީ ވަރަށް ހިތާމަހުރި ކަންކަމެވެ.

ހަނގާކުރާ ބައެއް ޒުވާނުން ހަނގާ ކުރަނީ ވަކި ޚާއްޞަ ސަބަބެއް އޮވެގެން ނޫންކަން ފާހަގަކުރެވެއެވެ. އެކަމަކު ފާހަގަ ކުރެވިފައިވަނީ އެފަދަ ކުދިންނަކީ ކޮންމެވެސް ގޮތަކުން ތަފާތުކަމެއް ހުންނަ ކުދިންނަށްވެފަ، ފަހަރުގައި އެކުދިންގެ ހަށިގަނޑު ކުލައިގެ ސަބަބުން، އެކުދިންގެ އިސްކޮޅުގެ ނުވަތަ ހަށިގަނޑު ބައްޓަމުގެ ސަބަބުން އެކުދިންގެ، ނަމުގެ ސަބަބުން ނުވަތަ ކުދިންގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހަނގާކުރަނީ ކަމަށެވެ.

މިހާހިސާބުން އަޅުގަނޑު ގަސްދު ކޮށްލަނީ ހަނގާ ކުރުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައް ތަކެއް ހިމަނާލާށެވެ. އެއްވެސް ފަރާތަކުން ހަނގާ ކުރާނަމަ ތިބާއީ އަސްލު މައްސަލަކަމަށް ނުދެކެށޭށެވެ. ތިބާއަށް ހަނގާ ކުރުމުން ސަލާމަތް ވުމުގެ ބާރުލިބިގެން ވާކަމުގެ އިހްސާސް ވެގަތުން މުހިއްމެވެ. ތިބާ ކޮންމެ ވެސް ގޮތަކަށް ތަފާތުކަން ދަނެގެން އެކަމަށް އުފާކުރާށެވެ.

ތިބާ އަމިއްލައަށް ހިތްވަރު ގަދަ މީހަކަށްވެ އަމިއްލަ ނަފުސަށް އިތުބާރު ކުރާށެވެ. އެފަދަ ވަގުތުތތަކުގައި ތިބާއަށް ހެޔޮއެދޭ ރަގަޅު ރަޙްމަތްތެރިންނާއެކު ވަގުތު ހޭދަކުރުން މުހިއްމެވެ. އެއީ އެހެން މީހަކަށް ހަނގާ ކުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. ތިމާގެ ރަޙްމަތްތެރިންގެ ތެރޭގައި ހަނގާކުރާ މީހަކު ހުރިނަމަ އެކަން ދެނެގަންނާށެވެ.