ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ލަންކާއިން ފިއްލަވަން ދިވެހި ސަރުކާރުން އެހީވުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ވިދާޅުވެ، ސަރުކާރުގެ މި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ތާއީދު ކުރައްވައިފިއެވެ.
މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ބޮންޑެ މިފަދައިން ވިދާޅުވިއިރު، އޭނާ ވަނީ ގޮތަބަޔާއަށް ހިމާޔަތް ދެއްވި ކަމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީއަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ބިންޑެއަކީ ގޮތަބަޔާ ރާއްޖެ ގެންނަވައި، އެމަނިކުފާނަށް ހިމާޔަތް ދެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރައްވާފައިވާ ރައީސް މުހައްމަދު ނަޝީދާ އަރިސް ބޭފުޅެކެވެ.
އިގްތިސާދީ ގޮތުން ގައުމަށް ދިމާވެފައިވާ ހީނަރު ކަމުން އަރައިގަންނާނެ ގޮތެއް ނުހޯއްދެވި، ލަންކާގެ ރައްޔިތުންގެ ރުޅިވެރިކަން ވަނީ ގޮތަބަޔާއަށް އަމާޒުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ދިވެހި ސަރުކާރުން އެމަނިކުފާނަށް ހިމާޔަތް ދިނުމުން ލަންކާ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އެގޮތުން އިއްޔެ މެންދުރު ފަހު، ރާއްޖޭގައި ތިބި ލަންކާގެ ރައްޔިތުން ވަނީ މާލޭގެ ކާނިވާ ސަރަހައްދަށް އެއްވެ، ރައީސް ގޮތަބަޔާއަށް ހިމާޔަތް ނުދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
