ބައެއް ބޭފުޅުން ތިރީގައިވާ ފޮޓޯ ފޮނުވާފައި މިއީ އަސްލު ސިޙުރެއްތޯ އާއި އަދި މިފަދަ ސިޙުރެއް ފެނިއްޖެނަމަ ނައްތާލަން ހަދަން ޖެހޭނީ ކިހިނެތްތޯ ސުވާލު ކުރާތީ މިކަމުގެ ތަފްޞީލެއް ހިމާނަލުމަށް ޤަސްދުކުރީމެވެ.

Ads by Asuru

ފުރަތަމަ ކަމަކަށް މިއީ އަސްލު ސިޙުރެކެވެ. ލިޔެފައިވާ އެއްޗެހިން ފެންނަ މިންވަރަށް ބަލާއިރު މިއީ ޢާއިލާއެއް އެއްކޮށް ހަލާކު ކޮށްލުމަށް ހަދާފައިވާ ސިޙުރެއް ކަމަށް ބެލެވެއެވެ. މިފަދައިން ކެޔޮވަކުގައި ލިޔެގެން ނުވަތަ ކެޔޮލުގެ ތޮށީގައި ލިޔެގެންވެސް ސިޙުރުވެރިން ސިޙުރު ހަދާއުޅެއެވެ. މިގޮތަށް ވަޅުލައިގެން ހަދާ ސިޙުރުތަކުގައި، ބޭނުންކުރާ އެތި ފީވެ ހަލާކުވާ ވަރަކަށް ސިޙުރުގެ އަސަރު ކޮށްފައިވާ މީހާ ބަލިވެ ހާލު ބޮޑުވަމުން ދެއެވެ.

ދެވަނަ ކަމަކަށް، މިފަދަ އެއްޗެއް ފެނިއްޖެ ނަމަ އާޔަތުލް ކުރުސި 7 ފަހަރު ކިޔުމަށްފަހު ނޫނީ އެ އެއްޗެއްގައި އަތް ނުލުން އެދެވިގެން ވެއެވެ. އެހެނީ ސިޙުރުގެ އަސަރު، ގުޅުން ނެތް މީހަކަށްވެސް، ސިޙުރު ހަދާފައިވާ އެއްޗެއް ނަގައި އޭގައި އަތްލުމުން ބައެއް ފަހަރު އުނދަގޫތައް ދިމާވެފައި ހުރުމުން، މިފަދަ ކަމަކުން ރައްކާތެރިވުމަށެވެ. ސިޙުރު ހަދާފައިވާ އެއްޗެއް ނައްތާލުމަށް ފެން އެއްޗަކަށް ތިރީގައިވާ ލިންކުގައިވާ އާޔަތްތަށް އޮނަހިރި އަދަދަކަށް ކިޔަވާށެވެ. 3 ފަހަރު ނުވަތަ 7 ފަހަރު ވެސް إن شاء الله ރަނގަޅުވާނެއެވެ.

http://htruqya.com/archives/1174

އެއަށްފަހު ސިޙުރު ހަދާފައިވާ އެތި އެ ފެންގަނޑުގެ ތެރޭގައި ބާއްވައިގެން، އާޔަތުލް ކުރުސި، ސޫރަތުލް އިޚްލާސް، ފަލަޤް އަދި ނާސި ތަކުރާރުކޮށް ކިޔަވަމުން ހަލާކު ކޮށްލާށެވެ. މިގޮތަށް ކެޔޮވަކެއް ނުވަތަ ލޯ ފޮއްޗެއް ނުވަތަ އެހެންވެސް އެއްޗެއްގައި، ލިޔެފަ ހުންނަ ސިޙުރުގެ ތަކެތި ތޫނު އެއްޗެއް ބޭނުންކޮށްގެން ކަހާލާށެވެ. އެއަށްފަހު ފެން އަޅާފަ ހުރި އެތީގައި މައްޗެއް ޖަހައި 3 ދުވަސް ނުވަތަ 7 ދުވަސް ވަންދެއް ބެހެއްޓުމަށްފަހު ފެންތައް މީހުން ނޫޅޭ ހިސާބަކަށް ނުވަތަ ގަހެއްގެ ދޮށަށް އުކާލާށެވެ. އަދި އޭގައި ހުރި ތަކެތި ނަގާ ހިއްކާލުމަށްފަހު އަންދާލާށެވެ. إن شاء الله މިވަރުން އެ ސިޙުރެއްގެ އަސަރު ނެތިގޮސް ބާޠިލްވާނެއެވެ.

ބައެއް ބޭފުޅުން މިގޮތަށް ފެންނަ ބައެއް ސިޙުރު ނަގާ މޫދަށް އެއްލާލައެވެ. އަދި އަނެއްބައި ފަހަރު ވަގުތުން އަންދާލައެވެ. މި ދެގޮތަކީވެސް މިކަމުގެ ސަބަބުން ސިޙުރު ޖެހިފައިވާ މީހާއަށް އިތުރު އުނދަގޫތަކެއް މެދުވެރިވުން ވަރަށް ގާތް ދެ ގޮތެވެ.

މޫދަށް އެއްލާލުމުން ގިނަފަހަރު ސިޙުރު ހަދާފައިވާ އެތިން ސިޙުރުގެ އަސަރު ނުކެނޑި ސިހުރު ބާޠިލް ނުވެ ހުރެއެވެ. އަދި ބައެއް ސިޙުރުތަކަކީ އެ ސިޙުރު ހަދާފައިވާ އެއްޗަކަށް ހޫނުވުމުން، ސިޙުރު ޖެހިފައިވާ މީހާއަށް ބޮޑެތި އުނދަގޫތަށް ގެނުވާ ކަމެކެވެ. އެހެންކަމުން މިފަދައިން ކަންކުރުމުން ދުރުވުމަށް އެދެމެވެ.

ﷲ ތަޢާލަ އަޅެމެން ސިޙުރުވެރިންގެ ނުބައިކަމުން ސަލާމަތްކުރައްވާ ރައްކާތެރިކުރައްވާށިއެވެ. އާމީން

މަސްދަރު: ހީލިންގް ތުރޫ ރުޤްޔާ އެންޑް ހިޖާމާ