ކަނޑުދަތުރު ފަތުރު ކުރާއިރު މޫސުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

މެޓް އޮފީހުން ވިދާޅުވީ, ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެކަމަށް ލަފާކުރެވޭ ކަމަށާއި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށެވެ.

އަދި ރާޢްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއަދު ހެނދުނު 8:30 އިން ފެށިގެން ރާއްޖޭގެ ހުޅަނގުން ބޯ ވިއްސާރަ ވިލާތަށް އުފެދި، އަތޮޅުތަކުގެ މައްޗަށް ވިއްސާރަ ވިލާތަށް އަރަމުންދާކަމަށާއި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ ހުޅަނގުގައި މިވަގުތު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މިގޮތުން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މިއަދު ހަވީރު 4:35 އިން މިރޭ 8:45 އަށް ރީނދޫ ސަމާލު ނެރެފައިވާއިރު މިއަދު ހަވީރު 5:00 އިން މިރޭ 8:45 އަށް މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވެއެވެ.

އަދި ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.