”ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހެއްގެ އުފަން ރަށުގައި އުޅެން. އެކަމަކު ރަށުގައި ވަސީލަތެއް ނެތް. މަޖުބޫރުވަނީ ”ކޮންކްރީޓް ޖަންގަލި“ގައި އުޅެން.“ މިއީ އަތޮޅުތެރޭގެ ގިނަ މީހުންގެ ޝުއޫރުތައް ހުރި ގޮތެވެ.

ސާފުވައި ލިބޭ، ހުދުވެލި ގޮނޑުދޮށްތައް ދޫކޮށްފައި، ވެރިރަށް މާލެ ފަދަ ކޮންކްރީޓް ޖަންގައްޔެއްގައި އުޅެނީ އެނޫން އެހެން ގޮތެއް ނެތިގެން ކަމަށް ގިނަ މީހުން ބުނެއެވެ.

ރަށުގައި ކިތަންމެ އުޅޭ ހިތްވިޔަސް، ރަށުން ރަނގަޅު ތައުލީމެއް، ވަޒީފާއެއް ލިބޭކަށް ނެތެވެ. ސިއްހީ ހިދުމަތުގެ ފެންވަރުގެ އެހާ ދަށެވެ. މިހެންގޮސް ކިތަންމެ ޝަކުވާއެކެެވެ.

މި ޝަކުވާތަކުގެ ހައްލަކަށް ވަނީ، ތޮއްޖެހިފައިވާ މާލެއެވެ. މާލެ އައިސް ލިބޭހާ ފައިސާ އުޅޭތަނުގެ ކުއްޔަށް ދޭން ޖެހުނަސް، އެނޫން އެހެން ގޮތެއް ނެތް ކަަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

”ބޮޑު ކުލި ދައްކައިގެންވެސް މިތާ މިއުޅެނީ ދަރިންނަށް ކިޔަވައިދޭން. ރަށުގައި ނެތް ވަޒީފާއެއް ލިބެންވެސް. ދާން ޖެހެނީ ކައިރި ރިސޯޓަކަށް. އެއީ ކޮންމެ ކުއްޖަކު ބޭނުންވާ ދާއިރާއެއް ނޫން.“ މާލޭގައި އާއިލާ ގޮވައިގެން އުޅޭ ފިރިހެނަކު ބުންޏެވެ.

ރަށްފުށުގެ އަމާން ދިރިއުޅުން ދޫކޮށް، ގިނަ ބަޔަކު މަޖުބޫރީ ހާލަތުގައި ކުލީގެ އަޅުންނަށް ވާން ޖެހިފައިވަނީ ޒަމާނުންސުރެ، ސަރުކާރުތަކުން ގެންގުޅޭ މާލެ އެކަނި ތަރައްގީ ކުރުމުގެ ސިޔާސަތުގެ ސަބަބުންނެވެ.

ސަރުކާރުގެ ހުރިހައި އޮފީސްތަކާއި، އެކި އިދާރާތައް މާލޭގައި ގާއިމުކޮށްފައި އޮތުމާއެކު، ރަށްރަށުން ލިބެން ހުރި އެތަކެއް ވަޒީފާއެއް ވަނީ މަދުވެފައެވެ.

ސިއްހީ ހިދުމަތްދޭ ތަންތަންވެސް ރަށްރަށުގައި ހުރީ ނަމެއްގައެވެ. ރަށު ސިއްހީ މަރުކަޒުން ގިނަ ބަލިތައް ދެނެނުގަނެވޭއިރު، ބޭސްފިހާރައިން ގިނަ ފަހަރު ލިބެނީ ޕެނެޑޯލް އެކަންޏެވެ. ބައްޔެއް ވާއިރަށް ބޮޑު ހަރަދު ކޮށްފައި އަންނަން ޖެހެނީ މާލެއަށެވެ.  މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ރަށުގައި ހަމަޖެހިލައިގެން އުޅެވެން ނެތް ކިތަންމެ ސަބަބެކެވެ.

ހިތާމަ އަކީ މި މައްސަލައިގެ ހައްލެއް ކައިރި މުސްތަގްބަލެއްގައި ފެނިދާނެ ކަމުގެ އުއްމީދެއް ނެތުމެވެ. ރަށްރަށް އަންނަން ޖެހޭ ތަރައްގީ އަންނަމުންދާތަން ނުފެނުމެވެ. ސަރުކާރުތަކުން ގެންގުޅޭ މާލެ ސަރަހައްދު އެކަނި ތަރައްގީ ކުރުމުގެ ވިސްނުން ދޫކޮށްލައިގެން ނޫނީ މާލެ ސަަރަހައްދު ތޮއްޖެހުމުގެ މައްސަލަ ހައްލެއް ނުވާނެއެވެ.