އަގީދާއަށް ގުޑުމެއް އެރިޔަ ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެެވެ.

Ads by Asuru

ހިޖްރީ 1444 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ދުނިޔަވީ ޙަޔާތުގައި މިއަދު އަރާ ހަމަކުރެވިފައި މިވަނީ، އިންސާނީ ތާރީޚު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރަކާއި ކަމަށާއި ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އިޤްތިޞާދީ ގޮތުންވެސް ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާއި ކަމަށެވެ.

އެގޮތުން މިއީ ޞިއްޙީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއް ކަމަށާއި ޤައުމެއްގެ ޙަޔާތުގައި ކުރިމަތިވާ މިފަދަ ކޮންމެ ހުރަހެއް ގިރާކުރުމުގައި، ސަރުކާރާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ހިޖްރައިގެ މަތިވެރި ހާދިސާ ހަނދާނަށް ގެނެސްދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

”ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ މިފަދަ ޛިކްރާއެއް އާކުރާއިރު، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް.“ ރައީސް ވިދާޅުވި އެވެ.