އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް ހަލުވި ކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފިއެވެ.
މި ޔަގީންކަން ސަރުކާރަށް ދީފައިވަނީ، ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު، އިންޑިއާއަށް ވަޑައިގެން އެގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ރާއްޖެ އާއި އިންޑިއާގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މިގޮތުން، ގުރޭޓަރ މާލެ ކަނެކްޓްވިޓީ ބުރިޖާއި، ހައުސިންގ މަޝްރޫއުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫޢުގެ އިތުރުން ބައެއް އެހެން މަޝްރޫއުތައްވެސް ހިމެނެއެވެ.
އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫޢުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި، އެމަޝްރޫއުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
އަދި އެމަނިކުފާނު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރަށް ދެއްވާފައެވެ.
