ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަސް އެތައް ގޮތަކުން އަޅުގަނޑުމެން މުސްލިމުންނަށް ހާއްސަވެގެންވެއެވެ.

Ads by Asuru

އެދުވަހަކީ އާދަމުގެފާނު ހަލްގު ކުރެއްވި ދުވަހެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނީވެސް، އަދި އެތަނުން ބޭރުކުރެއްވުނީވެސް އެދުވަހުގައެވެ. އެދުވަހަކީ މުސްލިމުންނަށް އަންނަ ހަފްތާގެ ޢީދެއްކަމުގައި ކީރިތި ރަސޫލާ(ސ.އ.) ޙަދީޘް ކުރައްވާފައި ވެއެވެ.

ހުކުރު ދުވަހު ކީރިތި ރަސޫލާ(ސ.އ.ވ) އަށް ސަލަވާތް ކިޔެވުން ގިނަކުރުންވެސް ސުންނަތްވެގެން ވެއެވެ. ކީރިތި ރަސޫލާ(ސ.އ.ވ) ގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

“ހަމަކަށަވަރުން، ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތްކަންބޮޑު ދުވަހަކީ، ހުކުރު ދުވަހެވެ. ފަހެ، އެ ދުވަހު، ތިމަންކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން ގިނަކުރާހުށިކަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ރައްދުކުރެއްވެއެވެ.” (މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު އަބޫ ދާވޫދެވެ.)

ހުކުރު ދުވަހަކީ މިއުއްމަތަށް ޚާއްޞަ ކުރައްވާފައިވާ ދުވަހެވެ. ހުކުރު ދުވަހުގެ ޚާއްޞަކަމުގެ ތެރެއިން އެދުވަހުގައި ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތެއް ލައްވާފައި ވާކަމުގައިވެސް ސުންނަތުން ސާބިތުވެއެވެ.

އެވަޤުތު ދުޢާކުރާ އަޅެއްގެ ދުޢާ އިޖާބަ ކުރައްވާނޭ ކަމުގައިވެސް ބަޔާން ކުރައްވާފައިވެއެވެ.

އަލްބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.

”ހަމަކަށަވަރުން، ހުކުރު ދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުކޮޅާ ދިމާވެއްޖެ މުސްލިމަކު، މާތް ﷲ ގެ ޙަޟުރަތުން ހެޔޮ ކަމަކަށް އެދި ދުޢާކޮށްފިނަމަ، އޭނާ އެދޭކަމެއް ފުއްދަވައި ދެއްވާނެތެވެ.” (އެބަހީ: އޭނާގެ ދުޢާ އިޖާބަކުރައްވާނެތެވެ.) އަދި އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމުގައިވެސް ޙަދީޘްކުރެއްވިއެވެ

ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތުކޮޅަކީ ކޮން ވަގުތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތު ރައުޔުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ޞައްޙަ ދެ ގޮތަކީ އިމާމު މީހާ މިންބަރަށް އަރައި އިށީނީއްސުރެ، ހުކުރު ނަމާދު ނިމެންދެން އޮންނަ ވަގުތެވެ. އަދި ޢަޞްރު ނަމާދަށް ފަހުގައި އިރުއޮއްސުމާ ދެމެދުގައިއޮންނަ ވަގުތެވެ.

 

(ޝެއިހު ހަސަން މޫސާ ފިކުރީގެ ލިޔުއްވުމަކުން)