މި ސަރުކާރުން ތަރައްގީ ކުރާ އެއް އާބަން ސެންޓަރުގެ ގޮތުގައި، ދ.ކުޑަހުވަދޫ ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ކުޑަހުވަދޫއަށް މިއަދު ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅާއި، ދެކުނުގެ ހަތަރު އަތޮޅެއްގެ އިތުރުން، ސަރުކާރުން 7 އާބަން ސެންޓަރު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ތަރައްގީ ގެންނަނީ އާބާދީއާއި ތަރައްގީ އެއްފަސް ކޮށްގެން ނޫނީ، ދެމެހެއްޓެނިވި ތަރައްގީ ގެނެވެން ނެތުމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އެތަންތަން ވެގެންދާނީ، އެ ތަންތަނުގައި އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ގާއިމުވާ ތަންތަނަށޭ،  އެތަންތަނަށް އެހެން ރަށްރަށުގެ ރައްޔިތުން އަމިއްލަ އިހްތިޔާރުގަ، ކުރިއަށް އޮތް ދުވަސްތަކުގައި، މެދު ރާސްތާ، އަދި ދިގު ރާސްތާގައި ހިޖުރަކޮށް، އަދި ސެޓްލްވެ، ގެދޮރުވެރިކަމާ، ވަޒީފާގެ ފުރުސަތުތަކާ، ސިއްހީ ހިދުމަތްތަކާ ތައުލީމީ ފުރިހަމަތަކާ، މިހުރިހާ ކަމެއް އެންމެ ރަނގަޅު ފެންވަރުގައި ލިބެން ޖެހޭނެ. އެ ހުށަހެޅުން ހުށަހެޅި، އޭގެ މައްޗަށް ކެމްޕެއިން ކުރީ.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަހުވަދޫގެ ބަނދަރު ތަރައްގީ ކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ހޮސްޕިޓަލުން ޑަޔަލިސިސްގެ ހިދުމަތާއި، އިތުރު މުހިންމު ހިދުމަތްތައް ވެސް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.