ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދ. ކުޑަހުވަދޫ ކައުންސިލު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށް ތަރައްގީ ކުރުމަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކުޑަހުވަދޫ ކައުންސިލު އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކުޑަހުވަދޫގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި، ރައްޔިތުން ބަނދަރު މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާގޮތްތައް ތަފުސީލީ ގޮތެއްގައި ރައީސް އާއި ހިއްސާ ކުރެއްވިއެވެ.

އަދި ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ، ކަރަންޓުފަދަ އަސާސީ ހިދުމަތްތައް އަވަސް މުސްތަގްބަލެއްގައި ލިބޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދެއްވުމަށާއި، ވީހާވެސް އަވަހަކަށް މަސް ފެކްޓްރީއެއް ގާއިމުކޮށްދެއްވުމަށާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، އަދި ރަށުން ލިބޭ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ކުޑަހުވަދޫއިން ކުރިން ދެމުންދިޔަ އައި.ޑީ ކާޑު ހިދުމަތް އަލުން ރަށުން ލިބޭނެ ގޮތް ހައްދަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން އަދި ސަރުކާރު މުވައްސަސާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.