ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ ރަށްތަކަށް އާމްދަނީ ހޯދުމަށް ބޭނުންވާކަމަށާއި، މާލެއަށް ނުގޮސް އަތޮޅު ތެރެއިން ޕާސްޕޯޓް އަދި އައި.ޑީ ކާޑު ނެގޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، މަސް ފެކްޓްރީގެ ކަންކަން އަވަހަށް ނިމުން އެދޭ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އަތޮޅުގައި ހުރި ފަޅުރަށްތަކަށް އިންވެސްޓަރުން ގެނެސް އެރަށްތަކުން ނަފާވެރިކަން އަތޮޅުގެ ކައުންސިލްތަކަށް ލިބޭނެ މަގު ތަނަވަސްވެގެން ދިއުން އެދޭކަމަށާއި، މުޅި އަތޮޅުގެ ކުނި މެނޭޖުކުރުމަށް ރަނގަޅު ގޮތެއް ބޭނުންވާކަމަށާއި، އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅުވުމަށް އެދޭކަމަށާއި، އަދި އަތޮޅުގެ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.