ރާއްޖޭގެ ދިފާއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޗައިނާގެ އޮފީސް ފޮ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނެރަލް ޖާން ބާއޯޗުން އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

Ads by Asuru

މި މަޝްވަރާ ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހަށް ޖާން ބާއޯޗުން ކުރެއްވި އިހްތިރާމްގެ ޒިޔާރާތުގެ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން ޝުކުރާއެކު ފާހަގަ ކުރައްވާފައެވެ.

އަދި ރައީސްއާ ޖާން ބާއޯޗުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އިސްތިރާތީޖީ ގޮތުން ގުޅުންތައް ބަދަހި ކުރުމާއި އަދި ދެ ގައުމުގެ ގުޅުން ދިފާއީ ދާއިރާއިން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ކުރިމަގުގައި ދެ ގައުމު އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުވެގުރިކަން ފާޅުކުރައްވައިފައެވެ.

ޗައިނާގެ އޮފީސް ފޮ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނެރަލް ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައިވާ އިރު، އިއްޔެ ޗައިނާއިން ވަނީ ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައި ވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ޗައިނާ އާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.