ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.ރިނބުދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ މީދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފަހިކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންނަށް ލެބޯޓްރީގެ ޚިދުމަތް ބޭނުންވާކަމަށާއި، ސުކޫލުގެ ޖާގައިގެ ދަތިކަމާއި، އާ މިސްކިތެއް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހުރިކަމުގައި ވިދާޅުވިއެވެ. އަދި ކަރަންޓުގެ ޙިދުމަތުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ރައީސްއާއި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތައް ހެދުމުގައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ކައުންސިލާއި ހިއްސާކުރެއްވިއެވެ.

އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.