މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40،000 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިރޭ ދ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ހައުސިން ޔުނިޓުތައް އެޅުމުގައި، އާބާދީ އެއްފަސްކުރުމުގެ ޖާގަ އޮތް ތަންތަނަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ.

”އެހެންވީމަ، މި 40،000 ހައުސިން ޔުނިޓު، ބެހިގެންދާނެ ގޮތް، އަޅުގަނޑު އެކި ޖަލްސާތަކުގައި އެބަ ކިޔައިދެން. ސަރަހައްދީ ތަރައްގީގެ ވިސްނުމުގައޭ، ރާއްޖެ ތަރައްގީ ކުރަން ޖެހޭނީ. އެހެންނޫނީ، ދެމެހެއްޓެނިވި ގޮތަކަށް އަޅުގަނޑުމެންނަށް ރާއްޖެ ތަރައްގީ ނުކުރެވޭނެއޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބިން ހިއްކާފައި ހުރި ހުރިހާ ރަށެއްގައި، ފެނާ ކަރަންޓާ ނަރުދަމާގެ ހިދުމަތާއިއެކު، ރަނގަޅު ފެންވަރުގެ މަގުތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އެ ސަރަހައްދުތަކުގައި މީހުން އާބާދުވާނީ، މިކަންކަން ފުރިހަމަ ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައިގެ ހައްލަށް ހައުސިން މަޝްރޫއު ހިންގުމާއި، ގޯތި އެޅުމަށް ލުއި ލޯނު ދިނުން ފަދަ ކަންކަަން ކުރިއަށް ގެންދާނެކަން ރައީީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި ގުޅިފައިވާ މައްސަލަތަކަށް އިސްކަން ދެއްވުމަށްފަހު، އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން އެ މައްސަލައަށް މި ފަސް އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ގެނެސް ދެއްވާނެއެވެ.