ާރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް، އެ ރަށެއްގެ އާބާދީއަށް ބަލައި އެކަށީގެންވާ ކުޑަކުދިންގެ ޕާކަކާއި، އިތުރު ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ދ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާއިރު، ކުޑަ ކުދިން އެމަނިކުފާނުގެ އަރިހުގައި ވަރަށް ސިއްރުން ވެސް، ޕާކެއްގެ ވާހަކަ ފާހަގަ ކުރާ ކަމަށާއި، ކޮންމެ ރަށެއްގެ ވެސް އާބާދީއަށް ބަލައި، އެ ރަށެއްގައި ޕާކެއް އެޅުމަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

އަދި ހޭންޑް ބޯލް އާއި ވޮލީ ބޯލް ފަދަ އިތުރު ކުޅިވަރުތައް ކުޅެވޭނެ ގޮތް ވެސް ސަރުކާރުން ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހާއްސަކޮށް ހޭންޑް ބޯލު ކުޅެވޭނެ ވަސީލަތްތައް ގާއިމު ކުރަން، ރަށްރަށުގެ އަންހެން ކަނބަލުން އެދޭކަން ފާހަގަކުރައްވައި ރައީީސް ވިދާޅުވީ އެފަދަ މަޝްރޫއުތައް ފުޅާކޮށް ހިންގުމަށް މި އަހަރުގެ ބަޖެޓު ޖާގަ ނުދޭ ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް ގިނަ ރަށްރަށުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި، މީދޫގައި ވެސް އެކަން އޮތީ ހައްލު ކުރަން ޖެހިފައި ކަމަށް ވިދާޅުވިއެވެ.