މި އަހަރު ނިމޭއިރު މީހުން ދިިރިއުޅޭ 100 ރަށެއްގައި ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމްކޮށް ނިމޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ތޯރިގް މިހެން ވިދާޅުވީ ހަފްތާ- 14 މަގުޗާޓުގައި އެންވަޔަރަމެންޓް މިނިސްޓްރީއިން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ތޯރިގް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި އުފައްދާ މަސްދަރުން ފެށިގެން ސަރަހައްދީ ކުނި މެނޭޖް ކުރާ މަރުކަޒުގައި ކުނި ނައްތާލުމާ ހަމައަށް، ވަށާ ޖެހޭ އަދި ތިމާވެއްޓާ ރައްކާތެރި ގޮތަކަށް ކުނި މެނޭޖް ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ޕްލޭންއެއް އެކުލަވާލާ ފެބްރުއަރީ 22 ވަނަ ދުވަހު އިފްތިތާހް ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖް ކުރުމަށް ފުރަތަމަ ކުނި މެނޭޖް ކުރާ މަރުކަޒުތައް 79 ރަށެއްގައި ގާއިމް ކުރެވިގެން ދިޔައީ ވަރަށް އާދައިގެ ކުނި މެނޭޖް ކުރާ މަރުކަޒުތަކެއްގެ ގޮތުގައި ކަމަށާއި އޭގެ ފަހުން އެކި ސަރުކާރުތަކުގައި ކުނި މެނޭޖް ކުރުމަށް އެ މަރުކަޒުތަކަށް ބައެއް އާލާތްތައް ފޯރުކޮށްދެވުނު ނަމަވެސް އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

އެ ކަމަށް ހައްލެއް ހޯދާ، ވަށާ ޖެހޭ އަދި ތިމާވެއްޓާ ރައްކާތެރި ގޮތަކަށް ކުނި މެނޭޖް ކުރުމުގެ ގޮތުން“މާގޭ ސާފު ރާއްޖެ“ ނަމުގައި ގައުމީ ޕްރޮގްރާމެއް ފަށާފައިވާކަން ތޯރިގް ފާހަގަ ކުރެއްވިއެވެ. އަދި އެއީ 5 އަހަރު ދުވަހުގެ އަމާޒެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.