ދިވެހީންގެރާއްޖެ ހިކި ފަސް ބައްރަކަށް ބަދަލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރު ވައްޑެ މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ވައްޑޭ ފާޑު ކިޔުއްވާފައިވަނީ، އަބާދީއާ ތަރައްގީ އެއްފަސްކުރުމާއި ގުޅޭގޮތުން، ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް، ރައީސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތައް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރުމުގެ އިތުރުން، އުތުރުގެ ހަތަރު އަތޮޅާއި، ދެކުނުގެ ހަތަރު އަތޮޅު ވެސް ތަރައްގީކުރުމުގެ ސިޔާސަތު ހާމަކުރައްވައި، ކައިރި ރަށްރަށުގެ މީހުންނަށް އެންމެ ރަނގަޅު ފެންވަރުގައި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ލިބޭނެ ގޮތް އެކަމުން ފަހިވާނެކަން ފާހަގަކުރައްވައިފައެވެ.

ރައީސް ރޭ ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ އެ ސިޔާސަތައް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ގިނަ ރަށްތަކެއް އޮންނައިރު، ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތެއް އެންމެ މަތީ ފެންވަރުގައި ގާއިމު ކުރުމަކީ، ރަށްރަށުގެ އާބާދީއާއި ތިމާވެށީގެ ހާލަތަށް ބަލާނަމަ ވެސް ކުރަން ދަތިވާނެ ކަމެއް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނެވޭނީ، އިގްތިސާދީ ފުރުސަތު އޮންނަ، އާބާދީ ބޮޑު ތަންތަން ބޮޑަށް ތަރައްގީ ކޮށްގެން ކަމަށެވެ.