ޔަހޫދީންގެ އިންތިހާ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާތާ، އެތައް އަހަރެއް ވެފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ދޭން ފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ލިބުމަށް މަގުފަހިކޮށްދީ، އެ ހަނގުރާމަ ހުއްޓާލައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ފުރުސަތު ދޭން ރާއްޖެއިން ގޮވާލައިފިއެވެ.

Ads by Asuru

ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ މައްސަލައިގައި އޯއައިސީ އިން ބާއްވަމުންދާ ހާއްސަ ޖަލްސާގައި ރާއްޖޭގެ އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމަށެވެ.

އަދި އަމާންކަމާއެކު އުޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށް ވުރެ މަތީގައި ވަކި ގައުމަކަށް އޮވެވިގެން ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ.

މިނިސްޓަރު ޝަހީމްގެ ވާހަކައިގައި ނަސްލެއް ނައްތާލަން ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމްް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ޖެހޭ ވަގުތަކީ މިއީ ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށެވެ.