ކައުންސިލުތަކަށް ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ދ. މީދޫގެ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެމަނިކުފާނު ތާއިދު ކުރަށްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްތައް މެދުވެރިކޮށް މަސައްކަތްތައް ކުރަން ކަމަށެވެ. އަދި ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބޭނީ ވެސް ކައުންސިލްތަކަށް ބާރުވެރިކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ދަތިކުރުންފަދަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ކައުންސިލްތަކަށް ކުރިމަތި ނުކުރާނެ ކަމަށެވެ.

އަދި ކައުންސިލްތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރިހަމަ ހައިސިއްޔަތު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް މިހެން ވިދާޅުވެފައި މި ވަނީ ދާދިފަހުން، އެމަނިކުފާނު ނ. ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ކަން ހިނގި ގޮތް ކުށްވެރިކޮށް އެރަށު ކައުންސިލުން ނެރުނު ބަޔާނެއް ބާތިލް ކުރުމަށް އެލްޖީއޭއިން އަންގާފައިވާ ދަނޑިވަޅެއްގައެވެ.