މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ބާއްވާ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2024“ ވިލާ ނޯޓިކާގައި މިއަދު ފަށައިފިއެވެ.

Ads by Asuru

މިއީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ އެ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ބައްދަލުވުމެއްކަން ފާހަގަކުރައްވައި، ކޮންފަރެންސް ކުރިއަށް ދަނީ ވަރަށް މުހިންމު ވަގުތެއް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި ކޮންފަރެންސްގައި ދޭސީ އަދި ބިދޭސީ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ، މެރިޓައިމް ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކައި އެ ދާއިރާގެ މުސްތަގްބަލް ބައްޓަންކުރުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އަދި އެމްޕީއެލްއިން ތިބީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އަތުކުރި އޮޅާލައިގެން ކަމަށް ވެސް ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީކޮށް، އިގްތިސޯދު ކުރިއެރުވުމަކީ މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް މިއަދުގެ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓްތަކަކީ މެރިޓައިމް ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

މިއަދު ފެށި ކޮންފަރެންސް ބާއްވަނީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބަސް (އައިއޭޕީއެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ.