ބަޔަކު ކަންބޮޑުވިޔަސް، ދިވެހީންގެރާއްޖެ ބިނާ ކުރަމުންދާނީ ”މުއިއްޒު ދުވެލީގައި“ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މ.މުލަކުގައި މިއަދު ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި ”މުއިއްޒު ސްޕީޑް“ އާއި ”މުއިއްޒު“ ދުވެލި ކިޔާތީ ބަޔަކު ވަރަށް ކަންބޮޑުވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީއިރު، ރައީީސް ޔާމީން އުފައްދަވަން އުޅުއްވާ ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދެއްކި ބޭފުޅަކު ވަނީ ”މުއިއްޒު ސްޕީޑް“ އަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވާފައެވެ.

މުލަކުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ބަޔަކު ކަންބޮޑުވިޔަސް، އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ގޮތުން ވެސް ދިވެހީންގެ ރާއްޖެ ބިނާ ކުރަމުންދާނީ މުއިއްޒު ދުވެލީގައި ކަމަށެވެ.

”އަޅުގަނޑު ދަންނަވާލަން އޮތީ، ކަންބޮޑުވާ ބަޔަކަށް ކަންބޮޑުވާންވީީއްޔޭ، ހަޖަމު ކުރެވޭ ބަޔަކު ކުރަންވީއޭ، ނުކުރެވޭ ބަޔަކު ނުކުރަންވީއޭ، ދިވެހީންގެރާއްޖެ ދަތުރު ކުރަމުންދާނީ، މުއިއްޒު ދުވެލީގައޭ.“ އޭނާ ވިދާޅުވިއެވެ.

އޭނާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ، ތެދުވެރި އިހްލާސްތެރި ހިތަކާއިއެކުގައި ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކުގައި ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

އެހެންކަމުން، އެމަނިކުފާނުގެ މަސައްކަތުގެ ބައިވެރިންނަށް ދިވެހި ކޮންމެ ރައްޔިތަކު ވެސް ވާން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި، ރާއްޖޭގެ 100އަށްވުރެ ގިނަ ކައުންސިލާ ރައީީސް މުއިއްޒު ބައްދަލު ކުރެއްވިއިރު، މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް އެވަރު ނުކުރެއްވޭ ކަމަށާއި، ރަށްރަށަށް ވަޑައިގެން ބައްދަލުވުންތައް ބޭއްވެވީ ”ދެފަސް ބެދުނު ދޭތެރޭގައި“ ކަމަށެވެ.