ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ބުނެ، ސިޔާސީ ބައެއް ފަރާތްތަކުން ފަތުރާ ވާހަކަ ސަރުކާރުން ދޮގު ކުރައްވައިފިއެވެ.

Ads by Asuru

މުލިއާގެ މަރާމާތު ކުރިއިރު، އެ ގެކޮޅުގައި ވަރަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބަހައްޓާފައިވާ ކަމަށް ބުނެ ރަޖިސްޓަރީ ނުކޮށް ހިންގަމުންދާ މީޑިއާތަކުންނާއި، އިދިކޮޅު ފަރާތްތަކުން ދަނީ ޚަބަރު ފަތުރަމުންނެވެ. އެގޮތުން މުލިއާގެއަށް 80،000 ޑޮލަރުގެ ކަރޯކޭ ސިސްޓަމެއް ވައްދާފައިވާ ކަމަށް ބުނެ، ގޫގުލް ފޮޓޯތަކެއް ދަނީ ދައުރު ކުރަމުންނެވެ.

މިކަން ދޮގު ކުރައްވައި ރައީީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ހަލީލު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ.

މިފަދަ ދޮގުވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ފޭކްފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ރައީީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން، އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީީސް މުއިއްޒު ވަނީ، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ގުޅުވައި، ވާދަވެރި ފަރާާތްތަކުން ވަރަށް ގިނަ ދޮގު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވަނީ އެފަދަ ވާހަކަތައް ގަބޫލު ކުރުމުގެ ކުރިން، ހަގީގަތް ބަލައިލުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.