މ.މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، ރަށުގެ ބަނދަރު ވެސް ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ މުލަކަތޮޅު މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރުމަތިކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށާއި އަދި މިހާރުން މިހާރަށް އެތަނުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި މަސައްކަތްތައް ވެސް ކުރިޔަށް ގެންދަވާނެކަމުގައެވެ.

ހަމައެހެންމެ، ބަނދަރު އިތުރަށް ބޮޑުކޮށް 1400 ފޫޓު ދިގުމިން ހުންނަ ވަރަށް ބަދަލުކޮށްދެއްވާނެކަމަށާ، އެރަށުގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސްޕީޑު އަވަސްކޮށް ނިންމައިދެއްވާނެކަމަށާ، މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް ކުރަން ވަޢުދުވެފައިވާ ކަންކަމާ އަދި ކައުންސިލުން ފާހަގަކުރައްވާ ކަންކަމާއެކު ތަރައްޤީގެ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ތަންފީޒުކުރައްވަން ކަމަށެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ކައުންސިލުތަކުން ބޭނުންވާ ގޮތްތައް އޮޅުންފިލުއްވަވަނީވެސް ކައުންސިލުތަކުގެ ބައިވެރިވުން އިތުރުކޮށް ކައުންސިލުތައް ބާރުވެރިކުރުވުމުުގެ ބޭނުމުގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.