ހަތީބުންނަށް ވުމަށް އަލަށް ތަމްރީނުކުރާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ރަސްމީ ހުއްދަ ދޫކުރަން ފަށްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

”ޒުވާން ހަތީބު“ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓަރު އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވި ކުދިންނާއި އިންޓަވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ހަތީބުންނާއި އިންޓަރވިއުކުރުމުގެ މަސައްކަތް ނިންމާ މާލެ ސަރަޙައްދުގައި ތިބި ފަރާތްތަކުގެ އަމަލީ ތަމްރީނު ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އަދި ޚުތުބާ ކިޔުމުގެ ރަސްމީ ހުއްދަ އާދިއްތަ ދުވަހު ދޫކުރަން ފަށްޓަވާނެކަމަށާއި ރޯދަ މަހު އެ ޒުވާނުން ހުތުބާ ކިޔާނެކަމަށް ވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި 160 ކުދިންނާ ވަނީ އިންޓަވިޔު ކޮށްފައެވެ.