ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުކަން މިހާރު އެމްޑީޕީއަށް ވެސް ގަބޫލު ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް އިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މ.ދިއްގަރުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ކުރިއަރުވާ ވާހަކަ ބަޔަކު ދައްކަމުން ދިޔައިރު، ކައުންސިލު އިދާރާތަކަށް އުމްރާނީ ގޮތުން ކުރިއެރުމެއް ގެނެސްފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން، މި އަހަރުގެ ތެރޭގައި 50 ކައުންސިލު އިދާރާ ގާއިމު ކުރައްވާނެކަން ރައީސް މުއިއްޒު ހާމަކުރައްވާފައިވާކަން އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.

އަދި މާލީ ގޮތުން ކައުންސިލުތައް ބާރުވެރި ކުރުވުމަށް، ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ލިބޭނެ އުސޫލެއް ހަމަޖައްސައި، އެކަން ވެސް ފައްޓަވައިދެއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މިގޮތަށް ކުރައްވަމުން ގެންދަވާ ކަންތައްތައް ކިޔައިދޭން ވެއްޖެއްޔާ، ލިސްޓު ވަރަށް ދިގު ވާނެ.“

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ދައުރު ނިމިގެންދާއިރު ވެސް، ކައުންސިލަރުންނާއި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ނުކުރެއްވޭ ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ ތަފާތު މަންޒަރެއް ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ ސީދާ ކައުންސިލުތަކާ ބައްދަލުކުރައްވަނީ ރަށްރަށަށް ވަޑައިގެން، އެކަމަކީ ލާމަރުކަޒީ ނިޒާމުގައި، އޭގެ މަފްހޫމްގައި އެންމެ ރަނގަޅަށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމުގައި ވަރަށް ރަނގަޅު މިސާލެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާބިތުވާ ކަމެއް.“ މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އިހްލާސްތެރިކަމާއިމެދު ސުވާލު އުފައްދަން، ދައްކާނެ ހުއްޖަތެއް ނެތް ކަމަށާއި، އެ ނިޒާމު ފުރިހަމަ ކުރަން، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް އިހްލާސްތެރިކަމާއިއެކީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.