މ.ދިއްގަރުގައި 75 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބަނދަރާއި ގުޅިގެން ކުރަންހުރި ކަންކަމާއި ހިއްކާފައިވާ ބިމުގައި ފެނާ ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި ރަށުގެ މަގުތައް ހެދުމާއި އަދި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މިދިޔަ ދުވަސްތަކުގައި ކުރަމުންދިޔަ މަސައްކަތްތަކަކީ އިގްތިސާދުގައި ހުރި މައްސަލަތައް ހައްލުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްކަމުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން އިގްތިސާދީ މަންފާ ލިބޭގޮތަށް ކައުންސިލުގެ އިހްތިސާސްގައި އޮންނަ ރަށެއް ނުވަތަ އިހްތިސާސްގައި ނުހިމެނޭ ރަށެއް ވިޔަސް ކައުންސިލަށް ލިބުމަށް މަގުފަހިވާގޮތަށް ނިންމެވި ނިންމެވުމަކީވެސް އެބޭނުމުގައި ނިންމެވި ނިންމެވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެގޮތަށް ރަށްތަކަށް އެދުމަށް ހުޅުވާލާފައިވާ ރަށްތަކުގެ ލިސްޓުގައި އިތުރު ރަށްތައް ހިމަނުއްވަމުން ގެންދަވާނެކަމަށާއި އަދި އެގޮތަށް ރަށްރަށް ދޫކުރުމަށް މިހާރު ގެޒެޓްކޮށްފައިވާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށްވެސް މިހާރު ނިންމަވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ބަދަލާއެކު އެފަދަ ރަށްރަށުގައި އެކިދާއިރާތަކުން ވިޔަފާރިތައް ހިންގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.