ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު، އެންމެ ނާޒުކު އެއް މައްސަލައެވެ. އެއީ މާލެއަށް އެކަނި ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެކެވެ.

Ads by Asuru

ކިތަންމެ ސަރުކާރުތަކެއް އައިސް އެތައް ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ހިންގާފައިވާއިރުވެސް މި މައްސަލައަށް އެދެވޭ ހައްލެއް އައިސްފައެއް ނުވެއެވެ. މި މައްސަލައަށް ރައްޔިތުން ވެސް ތިބީ ހައްލެއް އަންނާނެ  ދުވަހެއްގެ އިންތިޒާރުގައެވެ.

މި އިންތިޒާރުގެ ނިމުން އަންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހޮވައިގެންކަން ރައްޔިތުންނަށް ގަބޫލުކުރެވުނީ އެމަނިކުފާނު މި މައްސަލައަށް ދެއްވާ ހާއްސަ އަހައްމިއްޔަތުންނެވެ.

އެ މައްސަލައަށް ހައްލު ގެނެސްދެއްވާނީ މި ސަރުކާރުންކަން ރައްޔިތުން ގަބޫލުކުރުމުގެ ހެއްކަކީ ރައީސް މުއިއްޒާއި މި ވެރިކަން ހަވާލުކުރެއްވުމެވެ.

ހައުސިން މިނިސްޓަރުކަމުގައި ވެސް މުހިންމު މަސައްކަތްތަކެއް

ރިޔާސީ ކެމްޕެއިންގެ ތެރެއިން މި ވާހަކަތައް ފެށުމުގެ މާ ކުރިން، ހައުސިންގ މިނިސްޓަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރުވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީވެސް މުއިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އަދި ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، މާލެ ސިޓީ މޭޔަރު ކަމުގައި ހުންނަވައިގެންވެސް އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތައް ކުރައްވާފައެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް ތަކުރާރު ކުރައްވަވާ ވައުދު

ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ސައްތައިން ސައްތަ ޔަގީންކަން ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް ރައީސް އަންނަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. ހުރިޔާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ އެންމެ އުއްމީދީ ވައުދެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ރައީސް ވަނީ އުއްމީދީ ސިޓީ ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށްދެއްވާފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ހިންގަވާ އެންމެ ބިޔަ މަޝްރޫއެވެ. އަދި މިއީ މާލެ ސަރަހައްދުގައި އަލަށް ފެށުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުވެސް މެއެވެ. ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 11,000 ގޯއްޗާއި 26,000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމާލެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ ރަސްމާލެ މަޝްރޫއަކީ މާލޭގެ ރައްޔިތުން އެދި އެދި ތިބި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމަށް ވެވަޑައިގަތް ވައުދުފުޅު ފުއްދަވައިދެއްވުމުގެ ފެށުން ކަމަށާއި އަދި އެކަމަށް އޮތް އެންމެ މުހިންމު މަޝްރޫއުކަމަށެވެ.

ރައީސް ވިދާޅުވީ ގިރާވަރު ފަޅާއި، ގުޅީފަޅާއި، ހުޅުމާލެ އަދި ފުށިދިއްގަރު ފަޅު ހިކިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލަ ތާއަބަދަށް އަދި ދާއިމަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މި ތަންތަނުން ގޯތިގެދޮރު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ އަމާޒަކީ ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރެވޭ ތަންތަނާއި އެކީގައި ކޮންމެ ރައްޔިތެއްވެސް ތަފާތުކުރުމެއްނެތި އެ ރައްޔިތަކު ބޭނުންވާ ދިމާލަކުން ބޭނުން ގޮތަކަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ވެސް އެމަނިކުފާނުގެ މުހިންމު ވައުދުފުޅެކެވެ.

އެކި ސަބަބުތަކާ ހުރެ އަޅާނުލެވި، ބާކީކޮށްލެވިފައި ތިބޭ މީހުންނަށް ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ދަށުން ބޯހިޔާވަހިކަން ލިބޭނެގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ފެބްރުވަރީ މަހުގެ 17 ވަނަ ދުވަހު އިސްރަށްވެހިންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގެދޮރު އެޅުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގައި އެކި ކަހަލަ ޝަރުތުތަކާއި ކެޓަގަރީތައް ކަނޑައަޅާއިރު، ހަވާސާ ކުރެވިފައި ތިބި ހުރިހަ ފަރާތްތަކަށްވެސް ދޭން ޖެހޭ ސަމާލުކަން މި ސަރުކާރުން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް ފަސޭހައިން ދައްކާ ހަލާސްކުރެވޭނެ ގޮތަށް %5 ގެ އިންޓްރެސްޓް ރޭޓުގައި ގެދޮރުވެރިކަމުގެ ހޯމް ސްޓާޓަރ ބޭން ލޯނު ލިބޭނެ އިންތިޒާމްވެސް މި ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހު ވަނީ ހިޔާވަހި ފައިނޭންސް ސްކީމް ލޯންޗުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާއެކު ހައުސިންގ މިނިސްޓްރީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފައެވެ.

މި ސްކީމްގެ ދަށުން އަތޮޅު ތެރޭގެ ރަށްތަކަށް ހާއްސަ ލުއި ލޯން ސްކީމްގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ހާއްސަ ލުއި ލޯނު ސްކީމްގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ތިން މިލިއަން ރުފިޔާ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ސަރުކާރަކީ ހުރިހާ ރައްޔިތުންނަސް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރެވެ. ސަރުކާރަށް ވީ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގައި ކުލަ ޖެހިގެންދާ މަންޒަރު އަންނަނީ ފެންނަމުންވެ.