ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މުދައްރިސުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ހޯއްދަވާދެއްވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގެ މެންދުރުފަހުގެ ދަންފަޅީގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކަންކަމަށް ރައީސް ސޯލިހު ހާއްސަ ސަމާލުކަމެއް ދެއްވައި، ތަޢުލީމީ ދާއިރާގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ބަލިމަޑުކަމާއި އިގްތިސާދީ ދަތިކަމުގެ ތެރޭގައިވެސް ސަރުކާރުންކޮށްފައިވާ ކަންކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެފައިނުވާ ފަދަ ދަތި އުނދަގޫތަކާއި ގޮންޖެހުންތަކެއް ރާއްޖެއަށްވެސް އޮތީ ކުރިމަތިވެފައި ކަމަށެވެ.

އެހެންނަމަވެސް މިހުރިހާ ކަންތައްތަކެއްގެ ތެރެއިންވެސް ކެތްތެރިކަމާއެކު، ރައީސް ސޯލިހު މަސައްކަތް ކުރައްވައި، ތައުލީމީދާއިރާއަށް، ހާއްސަކޮށް މުދައްރިސުންނަށް ރަނގަޅު މަސައްކަތު މާހައުލެއް ހޯއްދަވައި ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެއީ ރަނގަޅު ދަރިންތަކެއް ލިބޭނެ ހަމައެކަނި ގޮތްކަން މިސަރުކާރަށާއި ރައީސްއަށް އެނގިވަޑައިގަންނަވާތީ، ސްކޫލުތަކަށް ބޭނުންވާ ކަންކަން ފުރިހަަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރެވެމުންދާ ކަންކަމުގައި މުދައްރިސުންނަށްވެސް އިތުރު ކުރިއެރުން ލިބި، ސްކޫލްތަކުގެ ކަންތައްތައް ފުރިހަމަވެ، 21 ވަނަ ޤަރުނަށް ބޭނުންވާފަދަ ދަރިންތަކެއް ތައްޔާރުކުރުމަށްޓަކައި، ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަވެ، އިތުރު ހިތްވަރާއި ހިންމަތާ އެކު މަސައްކަތްކޮށް މިހާރު މިދުނިޔޭގައި މިއޮތް އޮއެވަރާއިއެކު ރަނގަޅު ޖީލެއް ބިނާކުރުމުގެ ކަންތައްތައް އެންމެ އެކުގައި ކުރާ މަސައްކަތްތަކުން ކާމިޔާބުވެގެން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. .

މިއެސްމެބްލީގައި ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެހުރިހާ ފަރާތްތަކަކަށް ދިރާސީ އައުއަހަރުގެ ހެޔޮއެދުމާއި ތަޙްނިޔާ ފޮނުއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އިންސާނަކަށް އެންމެ މުހިއްމު އެއްޗަކީ ތަޢުލީމު ކަމަށާއި، ތަޢުލީމު އުނގެނުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ، ޅަފަތުގެ ދުވަސްވަރުކަމަށެވެ.

އަދި ޅަފަތުގައި ދަސްކުރާކަންކަން މުޅި އުމުރަށް ދެމިހުންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ތަޢުލީމު އުނގެނުމަށް ލިބިފައިމިވާ ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ފަހިވިސްނުމާއި އެކު އައު އަޒުމެއް ކަނޑައަޅައިގެން ދަރިވަރުން ކިޔެވުމުގައި ކުރިޔަށް ދިޔުމަށް އެދިވަޑައިގެންފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.