ކުރީ ސަރުކާރުން ހުއްޓާލާފައި ހުރި މަޝްރޫތައް ފަށާ، ޖުމްލަ 527 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެކި ރަށްރަށުގައި ހިންގަން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރި މަންޒަރު ރިޔާސީ ކެމްޕެއިންގެ ތެރެއިންވެސް ފެނިވަޑައިގެންފައިވާކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެޑައިގަތުމަށްފަހު ބެލި ބެލުމުން އެނގުނީ މަޝްރޫއުތައް ހުއްޓިފައި ހުރީ ކުންފުނިތަކަށް ފައިސާ ނުދީގެންކަމަށް ހިސާބުތަކުން ފެންނަން ހުރި ކަމަށެވެ. އެގޮތުން ނުވަ ހާސް މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް މިދިޔަ ދައުރު ނިމުނު އިރު ދޭން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެ ކުންފުނިތަކަށް ފައިސާ ދީގެން މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށެވެ. އަދި މި ސަރުކާރުން އައިސް މަޝްރޫއުތައް ހުއްޓާލީކަމަށް އިދިކޮޅު އެމްޑީޕީ އިން ދައްކަމުން އަންނަ ވާހަކަތައް ދޮގުކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ހުއްޓިފައި އޮތް ކަމަށާއި، އެ މަޝްރޫއުތައް ފަށާ ފެނާއި ނަރުދަމާގެ 74 މަޝްރޫއެއްގެ މަސައްކަތް މިހާރު ހިނގަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ ވެސް 30 ރަށެއްގެ މަޝްރޫއު އޮތީ ހުއްޓިފައި ކަމަށާއި، އެ މަޝްރޫއުތަކުގެ މަސައްކަތް ފަށާ މިހާރު މުޅި ރާއްޖޭގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ  90 މަޝްރޫއެއްގެ މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ. އަދި އެއާޕޯޓް ހެދުމުގެ 7 މަޝްރޫއެއްވެސް ހުއްޓިފައި އޮތް ކަމަށާއި، އެ 7 މަޝްރޫއުގެ މަސައްކަތްވެސް މި ސަރުކާރުން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުންފުނިތަކަށް ފައިސާ ނުދިނުމާއި އެކި ކަހަލަ މައްސަލަތަކާ ގުޅިގެން މަގު ހެދުމުގެ 17 މަޝްރޫއެއް ހުއްޓިފައި އޮތް ކަމަށާއި އެ މަޝްރޫއުތައް ފަށާ 26 ރަށެއްގައި މަގު ހެދުމުގެ މަޝްރޫއު މިހާރު ހިނގަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ އެކި ކަހަލަ ދަނޑުތަކާއި ކޯޓުތައް ހެދުމުގެ މަޝްރޫއުތަކަށް ބަލާއިރު މާ ހާލު ބޮޑުކަމަށާއި ފައިސާ ނުދިނުމާއި މިސް މެނޭޖުކޮށްގެން 84 މަޝްރޫއެއް ހުއްޓާލާފައި އޮތް ކަމަށެވެ. އަދި އޭގެ ތެރެއިން 71 މަޝްރޫއެއް ފަށާ ބައެއް މަޝްރޫއުތައް ނިންމާފައިވެސް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދަނޑުތަކާއި ކޯޓުތައް ހެދުމުގެ 41 މަޝްރޫއެއް މިހާރު ހިނގަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މަޝްރޫއުތައް ހަވާލުކުރުމުގައި އެމްޑީޕީ އިން ބައިވަރު ހިޔާނާތްތައް ހިންގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް މޮޅަށް ކުރާ އަނެއް ކަމަކީ ޕާޓީގެ ބައެއް ބޭފުޅުންނަށް ފައިސާ ދޭން ވެގެން ކުންފުނި ހަދާފައި އެގްރީމަންޓް ހެދުމަށްފަހު އެޑްވާންސް ޕޭމަންޓް ދޫކޮށްލަނީ. ދެން އެ ކުންފުނި ފިލަނީ. އަނެއްކާ އަނެއް ކުންފުނި އަންނަނީ މަޝްރޫއާ ހަވާލުވާން. އައިމަ އެމީހުންނަށް އެޑްވާންސް ޕޭމަންޓް ދިނީމަ އެމީހުންވެސް ދަނީ. އެގޮތަށް ތިން ހަތަރު ފަހަރު މަތިން ހަވާލުކޮށްފައި ހުރި މަޝްރޫއުތައް އެބަހުރި ރަށްރަށުގައި.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މިސްކިތްތަކުގެ ހުއްޓިފައި އޮތް 20 މަޝްރޫއުވެސް މި ސަރުކާރުން ފަށާފައިވާކަމަށެވެ. އަދި އޭގެ އިތުރަށްވެސް އާ މަޝްރޫއުތަކާއެކު މިހާރު 42 މިސްކިތެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ވެސް 90 މަޝްރޫއު ހުއްޓިފައި އޮތް އިރު އެ މަޝްރޫއުތަކަށް ދޭން ޖެހޭ ފައިސާ ދެމުން ގޮސް، އެ ދާއިރާގެ 217 މަޝްރޫއު މިސަރުކާރުން ހިންގަމުން އަންނަކަމަށެވެ.

ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގާ މަޝްރޫއާއެކީގައި 11 ރަށެއްގައި ހައުސިންގެ މަޝްރޫއުތައް ހިނގަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިމާވެށީގެ ދާއިރާއިން މުޅިން އަލަށް މަޝްރޫއުތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭޑީބީއާއެކު މިދިޔަ ޑިސެމްބަރު މަހު ސޮއިކޮށް، 74 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޕްރޮޖެކްޓެއްގެ ދަށުން ވަޔާއި ސޯލަރ ޕަވަރ ބޭނުންކޮށްގެން އެކި ކަހަލަ މަޝްރޫއުތައް ހިންގަން ފަށާފައިވާކަމަށެވެ. އެގޮތުން 20 ރަށެއްގައި 20 މެގަވޮޓްގެ ސޯލަރ ޕަވަރ ޕްރޮޖެކްޓެއް ހިންގުމާއި، 19 ރަށެއްގައި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމާއި 45 ރަށެއްގައި ކުނި މެނޭޖްކުރުމަށް ތަކެތި ސަޕްލައިކުރުމަށް ބަޔަކާއި ހަވާލުކޮށް، 6 ރަށެއްގައި ކުނި މެނޭޖްކުރުމުގެ ސެންޓަރު ހެދުމަށް މި ސަރުކާރުން ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން

ރައީސް ވިދާޅުވީ މި ގައުމުގެ މަޝްރޫއުތައް ހިންގަމުން މި އަންނަނީ އެއްވެސް ލޯނެއް ނުނަގާ، އެއްވެސް ފައިސާއެއް ޗާޕްނުކޮށް ކަމަށާއި 527 މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ކަމަށެވެ. އަދި މިދިޔަ ސަރުކާރު ނިމުނު އިރު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށާއި ފައިސާ ޗާޕްނުކޮށް އެތައް ސަތޭކަ މަޝްރޫއުތައް ހިންގަމުންވެސް އެ ފަންޑަށް މިހާރު 35 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަމާޒަކީ މި އަހަރުގެ ނިޔަލަށް އެ ފަންޑުގައި 100 މިލިއަން ޑޮލަރު ރައްކާ ކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މިދިޔަ އަހަރުގެ މާޗް މަހުގައި 2.6 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގިއިރު، މި ސަރުކާރަށް ހިންގުނީ އެންމެ 1.1 ބިލިއަން ރުފިޔާގެ މަޝްރޫއުކަމަށް ބުނެ ދައްކަމުން އަންނަ ވާހަކައަކީވެސް އޮޅުވާލުމެއް ކަމަށެވެ. އެކަމުގެ ހަގީގަތް ހާމަކޮށްދެއްވާ ރައީސް ވިދާޅުވީ އެމްޑީޕީން ވަނީ 2 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައިކަމަށާއި ހަގީގަތުގައި ހިންގާފައިވަނީ 900 މިލިއަން ރުފިޔާގެ މަސައްކަތް ކަމަށެވެ.

އަޅުގަނޑުމެން ލޯނު ނުނަގާ، އޯވަރ ޑްރާފްޓް ނުނަގާ، 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު އެހުރީ ހިންގާފައި.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށާއި އިގްތިސާދު އެޖެންޑާ ބައްޓަންކޮށްފައިވާނީ ދިވެހި ރައްޔިތުން މުއްސަނދިކުރުމަށް ކަމަށެވެ.

އަދި މީގެ ކުރިން ރާއްޖޭގައި ނުހިންގާ ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގުމަށްޓަކައި މި ސަރުކާރުން ހުޅުވާލި ދޮރުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.