ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން، އެއްވެސް އިރެއްގައި ނުނިންމަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފއިވަނީ ”ސަންގު ޓީވީ“އާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމާ ގުޅޭ ގޮތުން ރައީސް ނަޝީދާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަަމަށެވެ.
”އެމްޑީޕީ ޕްރައިމަރީ، ނުވަތަ ރިޔާސީ ރޭސްގައި ވާދަ ނުކުރަން އެއްވެސް އިރެއްގައި ނުނިންމަން. އެހެން ރައީސް ނަޝީދު އަރިހު ދަންނަވާފައެއް ނުވާނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަ ކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުންވެސް ބުނެފައިވަނީ، ރައީސް ސޯލިހު މިފަދަ ނިންމެވުމެއް ނިންމަވައި، އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.
ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ރޭހަށް އެމްޑީޕީގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓަކު ނިންމާނީ އެޕާޓީގެ މެމްބަރުން ކަމަށެވެ. އަދި ރިޔާސީ ރޭހުގައި ވާދަ ކުރައްވާނެކަން ރައީސް ސޯލިހު މިހާތަނަށްވެސް ހާމަ ކުރައްވާފައި ނުވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.