ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު، ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަފުޅެއް އޮވެއެވެ. އެމަނިކުފާނު ވެވަޑައިގަންނަވާނީ، ދިވެހި ރައްޔިތުންގެ ޚާދިމަކަށް ކަމަށާއި، ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވަވާނެކަމުގެ ވައުދެވެ.

Ads by Asuru

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވެސް ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވަވައި، އަވަށު ބައްދަލުވުންތައް ވެސް ކުރިއަށް ގެންދެވި ރައީސް މުއިއްޒު، ވެރިކަމުގެ ހަތަރު މަސް ދުވަސް ތެރޭގައި މިވަނީ 52އަށްވުރެ ގިނަ ރައްޔިތުންގެ ސުވާލަށް ޖަވާބު ދެއްވަވައި، އެ ޖަވާބުތައް އާއްމު ކުރައްވައިފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށި، ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން، އިއްޔެއާއި ހަމައަށް ރައީސް 52 ސުވާލަކަށް ޖަވާބު ދެއްވިއިރު، މީގެ ކުރިން ވެރިޔަކު މިގޮތަށް ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވައި، ހައްލުގެ ޔަގީންކަން ދެއްވާފައެއް ނުވެއެވެ.

ރައީސްއަށް އަމާޒުވި ސުވާލުތަކަށް ބަލާއިރު، މުޅިން ވެސް ފާހަގަ ވަނީ ދިވެހި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ކޮށްފައި ހުންނަ ސުވާލުތަކެވެ. އެގޮތުން ބޯހިޔާވަހިކަމާއި ގުޅޭގޮތުންނާއި، މަސްތުވާތަކެތީގެ މައްސަލައާއި، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާއި، ދަރަނީގެ މައްސަލަ އާއި މި ނޫން ވެސް މުހިންމު މައުޟޫއުތަކުން އެމަނިކުފާނަށް ސުވާލު އަމާޒުވެއެވެ.

ރައީީސް ދެއްވާ ޖަވާބުތަކުގައި، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހަނދުމަފުޅު ބަހައްޓަވާކަން ފާހަގަކުރެވެއެވެ. އެމަނިކުފާނު ވިދާޅުވަނީ، ވައުދުފުޅާއި އެއްގޮތަށް، ވެރިކަމުގެ ފަސް އަހަރުގެ މި ދައުރު ނިމިގެންދާއިރު، ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށާއި، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އެންމެންނަށް އެކަން ފަހިކޮށްދެއްވާނެ ކަމަށެވެ.

ރައީީސްގެ ޖަވާބު ސިލްސިލާގައި، އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ޖަވާބު ދެއްވީ، މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރި މައްސަލައާ ގުޅޭގޮތުން މަސްވެރިޔަކު ކުރި ސުވާލަށެވެ. ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނަށްވުރެ ގިނަ ފައިސާ ނުދީ ހުރި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ، މި ރަމަޟާން މަސް ފެށުމާއި ހަމައަށް، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދީ، އެއްކޮށް ހަލާސްކޮށްފައެވެ.

ރައީީސް ދެއްވާ ޖަވާބުތަކުގެ ވީޑިއޯ ރައީސް އޮފީހުން ސިލްސިލާކޮށް އާއްމު ކުރަމުންދާއިރު، ރައްޔިތުންނަށް ސީދާ ރައީސްއާ ސުވާލު ކުރެވޭނެ ގޮތަށް، ކޮންމެ ތިން މަހުން އެއް މަހެއްގައި ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމަވައިފައެވެ.

މި ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުން ކުރަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ކަމަށާއި ގާނޫނުއަސާސީގައި އޮތް މަސައްކަތް ކަމަށް ވެސް ރައީސް ކުރިން ވިދާޅުވެފައިވެއެވެ.

އަދި ރިޔާސީ އިންތިހާބުގެ ވައުދާ އެއްގޮތަށް، ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ދަށުން އެމަނިކުފާނަށް ހިޔާލާއި މަޝްވަރާތައް އަދި ޝަކުވާ ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ “ރައްޔިތުންގެ އަޑު” ޕޯޓަލް ވެސް އިފްތިތާހުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.