ޖޯންސަން އެންޑް ޖޯންސަންގެ ބޭބީ ޕައުޑަރ ނުވަތަ ތުއްތު ކުދިންގެ ގައިގައި ޖެހުމަށް ބޭނުންކުރާ ފުށް، އަންނަ އަހަރުން ފެށިގެން ވިއްކުން ހުއްޓާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

Ads by Asuru

އެކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ޖޯންސަން އެންޑް ޖޯންސަން ބްރޭންޑްގެ ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވޭ ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ އެ ކުންފުންޏާއި ދެކޮޅަށް ދައުވާ ވެސް ކޮށްފައެވެ.

މި މައްސަލައިގައި  ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ފުށާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް އެކުންފުނިން ވަނީ 2020 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާގައި ޖޯންސަން އެންޑް ޖޯންސަންގެ ފުށް ވިއްކުން ހުއްޓާލާފައެވެ. ޖޯންސަން އެންޑް ޖޯންސަން އާއި ދެކޮޅަށް އެތައް ބަޔަކު ކުރަމުންދިޔަ ދައުވަތަކަކާ ގުޅިގެން އެ ކުންފުނީގެ އުފެއްދުންތަކަށް އުތުރު އެމެރިކާގައި އޮތް އިތުބާރު އަދި މާކެޓް ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.