އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ދިން ތާއީދާއިއެކު ގައުމުގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީޕީއެމް/ޕީއެންސީ އަށް މަޖިލީހުގެ އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ.

އެގޮތުން ފެހި ގާނޫނު އަސާސީން ލިބިދިން މަލްޓި ޕާޓީ ޑިމޮކްރަސީގެ މަންފާ ރައްޔިތުންނަށް ކުރާނީ ތަހުޒީބު މުޖުތަމައުތަކުގައި ކަންކުރާ ފަދައިން ސަބަބުވެރި އިންސާނެއްގެ ވިސްނުމާއި ހިޔާލާއި ފިކުރާއި އަމަލުތައް ހުންނާނެ ގޮތަށް ޕާޓީތަކުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފުރުސަތުދީގެން ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

”ބަދަލު ހިފުމާއި ޖަދަލު ކުރުމާއި މަވެތިކަމާ ދުރުހެލިވެ ޕާޓީ އަކީ ވަކި ފިކުރެއް ނުވަތަ މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީގެން.“ އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ އިންތިހާބުގެ ސުޕަރ މެޖޯރިޓީ ޕީއެންސީއަށް ލިބިފައިވާއިރު، އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން  ދަނީ އުފާވެރިކަމުގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

ރާއްޖެއަށް ދެން އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިއްޖެނަމަ، ވައުދުތައް ފުއްދައިދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.