ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެލައްވާއިރު، މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައި، އެއީ ”ބޭކާރު“ ހަަރަދެއްގެ ގޮތުގައި ސިފަ ކުރައްވައިފިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމުގެ ގަރާރުގައިވާ ބައެއް ކަންކަން ހިއްސާކުރައްވާ، އެ އިސްލާހު އާންމުކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަޔާތުގައި އެމަނިކުފާނު ކަންކަމާ ކުރިމަތިލައްވަނީ އެކަމެއް ކާމިޔާބު ކުރައްވަން ކަމަށާއި އެހެންކަމުން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެމަނިކުފާނު ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ބޭނުންވާ އިސްލާހުތައް އެމްޑީޕީގެ ކޮންގްރެސްގައި ފާސްވެ އަދި ދިވެހި ރައްޔިތުންގެ ތާއީދު ވެސް އެކަމަށް ލިބޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްވުމާ އެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިކަމާ ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ރާއީ ވިދާޅުވީ މިލިއަނުން ހަރަދުކޮށްގެން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށްވުރެ، ގައުމަށް ހެޔޮ ގޮތަކީ ރައީސް ސޯލިހު ކުރިއަށް ގެންދަވާ ގިނަ ގުނަ މަޝްރޫއުތަކަށް އެ ފައިސާ ހަރަދު ކުރުން ކަމަށެވެ.
މިލިއަނުން ދިވެހި ދައުލަތުން ހަރަދުކޮށްގެން ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދިއުމަށް ވުރެ ރައީސް @ibusolih ދިވެހި ގައުމަށާއި ރައްޔިތުންނަށްޓކައި މުޅިރާއްޖޭގައި ހިންގަމުން ގެންދާ ގިނަގުނަތަރައްޤީގެ މަޝްރޫޢު ތަކަށް އެފައިސާ ހަރަދު ކުރުން އެއީ ގައުމަށް ހެޔޮގޮތަކީ މިވަގުތަށް 🙏 pic.twitter.com/5B4vr7s7ea
— Mohamed Raee / Makunudhoo Constituency (@Mraee12) August 15, 2022
ރައީސް ނަޝީދު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމު ބައްޓަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރެއް ހުންނަވާ ގޮތަށެވެ. ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަކީ ސަރުކާރުގެ އެންމެ އިސްފަރާތެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ އިސް ފަރާތެވެ.
