ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ނިމިދިޔަ ލޯކަލް  ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވިއިރު ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ.

Ads by Asuru

މި ވައުދު ފުއްދެވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ގެތަކަށް ޒިޔާރަތް ކުރި ކައުންސިލަކަށް މާލެ ސިޓީ ކައުންސިލު ވަނީ ވެފައެވެ.

އެގޮތުން ސިޓީ ކައުންސިލުގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުމަށް ނެރުނު ”އަތަމަނަ“ގައި ވާގޮތުން، އެ ކައުންސިލުން ވަނީ، އެންމެ ގިނަ ގޭގެއަށް ޒިޔާރަތްކޮށް، އެންމެ ގިނަ ރައްޔިތުންނާ މަޝްވަރާވެސް ކޮށްފައެވެ.

އެގޮތުން 585 ގެއަށް ސިޓީ ކައުންސިލުން، މިދިޔަ އަހަރު ޒިޔާރާތް ކުރިއެވެ.

ސިލްސިލާ ގޮތެއްގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، މިދިޔަ އަހަރު އެ ކައުންސިލުން ވަނީ ރައްޔިތުން ތަމްސީލު ކުރާ 53 ޖަމުއިއްޔާއަކާ ބައްދަލުކޮށްފައެވެ. އަދި މޭޔަރާ ވަކިން ބައްދަލު ކުރަން އެދުނު 257 ފަރާތަކާ، އެޕޮއިންޓްމަންޓް އުސޫލުން، މޭޔަރު ވަނީ ބައްދަލުވެސް ކުރައްވާފައެވެ.

މާލޭގެ ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށްވެސް ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.

އެގޮތުން މާލޭގެ ރައްޔިތުންގެ ހިޔާލު ހިމެނޭ 172 ސަފްހާގެ ފޮތެއް ސިޓީ ކައުންސިލުން ވަނީ ނެރެފައެވެ. އެފޮތުގައި ކައުންސިލުގެ އަވަށު ބައްދަލުވުންތަކުން ލިބުނު ހިޔާލާއި، އޮންލައިންކޮށް ލިބުނު ހިޔާލާއ، ސަރުކާރުގެ އިދާރާތަކުންނާއ، ތަޖުރިބާކާރިުން ދިން ހިޔާލުވެސް ވަނީ ހިމަނާފައެވެ.

މެދުކެނޑުމަކަށްފަހުގައި، އަނެއްކާވެސް މޭޔަރު ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ.

މި އޯގަސްޓް މަހުގެ ތެރޭގައި 4 ދާއިރާއެއްގެ ރައްޔިތުން ގާތަށް ވަނީ ޒިޔާރާތް ކުރައްވާފައެވެ.