ރާއްޖެ އާއި ޔޫކޭގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔޫކޭއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ އެކު ބޭއްވި ބައްދަލުވުމުގައެވެ.
މިނިސްޓަރު ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ކަމަށެވެ.
އިނގިރޭސިވިލާތުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފައިނޭންޝަލް ސާވިސް އިންޑްސްޓްރީ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ސައީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.