ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ.

Ads by Asuru

ހަތިޔާރު އެޅި ބިދޭސީ ސިފައިން މި ފަސްގަނޑުން ބޭލުމަކީ ރައްޔިތުން އެންމެ ބޮޑަށް އެދެމުން ދިޔަ އެއްކަމެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރެއްވި އެއް ވައުދުފުޅަކީ ވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ ވައުދުފުޅެވެ.

ރައީީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއިން ވަޑައިގެންނެވި އެގައުމުގެ މިނިސްޓަރު އޮފް އާތު ސައިންސެސް ކިރެން ރިޖިޖޫއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން އަނބުރާ ގެންދަން ރައީސް އެދިވަޑައިގެންނެވުމަކީ، މި ވައުދުފުޅު ފުއްދެވުމަށް ރައީީސް ދެއްވި އަހައްމިއްޔަތު ހާމަކޮށްދޭ ކަމެވެ. މަގާމުގެ ހުވާ ކުރައްވައި، ދެއްވި އެންމެ ފުރަތަމަ ތަގުރީރުގައިވެސް، ރައީީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވީ މި ގައުމުގައި ތިބި ހުރިހާ ބޭރުގެ ސިފައިން ފޮނުވާލާނެކަމުގެ ޔަގީންކަމެވެ.

”ދިވެހީންނަކީ މިނިވަންކަމުގެ ދަރީން. ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން. އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ގައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން.“ ހުވާ ކުރައްވައި، ރައީީސް ދެއްވި ތަގުރީރުގައި ވިދާޅުވިއެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައީީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ވައުދުފުޅާއި އެއްގޮތަށް، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް، ބޭރުގެ ސިފައިން ފޮނުވާލުމުގެ މުހިންމު މަސައްކަތް ރައީސް ފެއްޓެވިއެވެ.

އިންޑިއާގެ އިސް ވަފްދުތަކާއިއެކު، ސިލްސިލާ ގޮތެއްގައި މިކަމާ ގުޅޭ މަޝްވަރާތައް ކުރެވި، ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން، ސުލްހަވެރިކަމާއިއެކު އެކަން ސަރުކާރުން މިވަނީ ހާސިލުކޮށްފައެވެ.

އިންޑިއާއިން ހަދިޔާ ކުރި ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ފުރަތަމަ ހަރަކާތްތްތެރިވާން ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަޝީދުގެ ވެރިކަން ބަދަލުވުމުން  ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާ ސިފައިން ފޮނުވައިލަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެކަން އޭރު ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެމީހުން ”ގަދަ ދައްކާލައި“ ރާއްޖޭގައި ތިބީއެވެ.

”ރައީީސް ޔާމީންގެ ސަރުކާރުން، އިންޑިއާ ސިފައިން މިތަނުން ފައިބަން ބުނެގެން ނުފައިބާ ތިބީ.“ މީގެ ކުރިން އޮންލައިން ނޫޫސް ”ވޮއިސް“ އަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި، އޭރުގެ އިދިކޮޅު ލީޑަރު، ރައީީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކުރިން ހަރަކާތްތެރިވި އިންޑިއާ ސިފައިން

އިންޑިއާ ސިފައިން ފޮނުވާލެވުމާއި ގުޅޭގޮތުން މީގެ ހައެއްކަ ދުވަސް ކުރިން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތިބި 76 އިންޑިއާ ސިފައިން ވަނީ ފޮނުވާލެވިފައެވެ. އަދި އެމީހުންގެ ބަދަލުގައި ހަމަ އެ އަދަދަށް މަދަނީން ވަނީ ގެނެސްފައެވެ. ސިފައިން ފޮނުވާލީ، މިދިޔަ ތިން މަހުގެ ތެރޭގައި ހަ ތާރީހެއްގެ މަތިންނެވެ.

އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އަދި ޑޯނިއާ އޮޕަރޭޓް ކުރުމަށް އިންޑިއާއިން ފޮނުވި އާންމުންނަކީ ހެލިކޮފްޓަރު އުފެއްދި ކުންފުނީގެ މީހުން ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެ ކުންފުންޏަކީ ”ހިންދުސްތާން އެރޮނޮޓިކްސް“ ކިޔާ ކުންފުންޏެކެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި، ރާއްޖޭގައި ތިބި މަދަނީންގެ ފަރާތުން މިނިވަންކަމަށް އަސަރު ކޮށްފާނެ ކަމަށް ރައްޔިތުންނަށް ފެންނަ ނަމަ، ސަރުކާރުގެ ވިސްނުމަކީ އެ މީހުން ވެސް ފޮނުވާލުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި އުތުރުތިލަފަޅުގައި ވެސް އިންޑިއާ ސިފައިން ތިބުމުގެ ކަންބޮޑުވުން އޮތްއިރު، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ އެ ތަނުގައި އިންޑިއާގެ ސިފައިން ތިބިކަން ކުރީގެ ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން މިހާރު އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.