ދިވެހިރާއްޖޭގައި ހިނގާ ކޮންމެ ކުށެއްގެ ފަހަތުގައި އޮތީ މަސްތުވާތަކެތި ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ ނ.ކުޑަފަރީގައި ގާއިމު ކުރި ޕޮލިސް ޕޯސްޓް ހުޅުވައިދެއްވައި ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ކޮންމެ ރަށެއްގައި، ރައްޔިތުންނާ އެންމެ ގާތުން އަދި ރައްޔިތުންނާ އެކުއެކީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
”ރަށެއްގައި އަމަން އަމާންކަން ގާއިމުކުރެވި, ސުލްހަ މަސަލަސްކަމާއި, ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ އަދި އެނަތީޖާއަށް ވާސިލްވެވޭނެ ކަމެއް ނޫން. ފުލުހުންނަކީ ފުލުހުންގެ ފަރާތުން ގާނޫނު ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ މުހިއްމު ޒިންމާތަކާ ހަމައަށް ދިއުމަށްޓަކައި މުހިއްމު މަރުހަލާތަކެއް ކަޑައްތު ކުރަންޖެހޭ ބައެއް. އެވިސްނުމުގެ ތެރެއިން މިއަދު ފުލުހުންގެ ހިދުމަތް ތަރުތީބުކުރެވި ބައްޓަންކުރެވިފައި މިވަނީ އަވަށްޓެރި ފުލުހުންގެ ވިސްނުމުގެ ނުވަތަ ފަލްސަފާގެ ތެރެއިން،“ މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި ހިންގާ ކޮންމެ ކުށެއްގެ ފަހަތުގައި އޮތީ މަސްތުވާތަކެތި ކަމަށާއި މިކަމުން އަރައިގަތުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ޑްރަގުގެ މައްސަލައަކީ ރާއްޖޭގައި ބައިގަރުނުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ މިކަމުން އަރައިގަތުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާ މިދިޔަ ދުވަސްތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދުން ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.

ދެން އަންނަ ފަސް އަހަރަށް މިނިސްޓަރު ކަމުވެ ދަހިވެތިކަމުގަ އަނގަފަޅައިފި. ތި ވިސްނުން ވާނީ ބޭކާރު ކޮންމެ މުންޖެކޭ ކިޔަސް.