ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ވެރިކަންދީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުންވެސް ވީކަމެއް ނެތް ކަމަށް ވިދާޅުވެ، ”ދެން މި މީހުން ނުހޮވުމަށް“ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ގޮވާލައްވައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީއަށް ވެރިކަން ލިބުމުން ކުރެވުނު ކަމަކީ ލިވާތު ހުއްދަ ކުރުމެވެ.

ރާއްޖެ ދަރުވާލައިފިއޭ. ހުދު އަޅުގަނޑުމެން ވިޔަފާރިވެރިންވެސް ދަރުވާލައިފިއޭ. ލަދުގަންނަން ޖެހިއްޖެއެއްނޫންހޭ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިބި އިސް ބޭފުޅުން؟ އަޅުގަނޑު އުއްމީދު ކުރަނީ، އަޅުގަނޑު މިދައްކާ ވާހަކަ އަޑުއަހާ، ރާއްޖެ ރަނގަޅު ކުރާށޭ.

ޖާބިރު އިތުރަށް ވިދާޅުވީ ވެރިކަމުގެ މި ދައުރުގެ އުމުރު ހަމަވާން ދެން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި، ސަރުކާރުންވީ ވައުދުތައް ފުއްދުނުތޯ ރައްޔިތުން ބަލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުވެފައިވާއިރު، ރައްޔިތުން ތިބީ ސަރުކާރު ދެކެ ވަރަށް ބޮޑަށް ނުރުހިފައި ކަމަށެވެ.