ބަރުލަމާނީ އޮޑި ފެތިއްޖެ ކަމަށް ވިދާޅުވެ، ޝެއިހު އަލީ ޒައިދު، ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

Ads by Asuru

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ފައްޓަވާފައިވާއިރު، މިކަމަށް އެމަނިކުފާނަށް ތާއީދެއް ނެތްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އެގޮތުން އެމްޑީޕީގެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ބުނަމުން ގެންދަނީ، ބޭނުންވަނީ 2007 ވަނަ އަހަރުގައި ދިވެހި ރައްޔިތުން އިހްތިޔާރު ކުރި ބަރުލަމާނީ ނިޒާމު ކަމަށާއި، އެ ނިޒާމުގެ ދަށުން ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭން ކަމަށެވެ. އަދި އެއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުފެތޭނެ ކަަމަށް ބުނި، އަނެއް ރާއްޖޭގެ އޮޑި ކަމުގައިވާ ބަރުލަމާނީ އޮޑި ފެތިއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ އޮޑި ފައްތާލީ އޮޑީގެ ފަޅުވެރިންނެވެ.

އެއޮޑި ފައްތާލީވެސް ހަމަ އޭގެ ފަޅުވެރިން! ޓައިޓޭނިކް ހެދިމީހުންވެސް ބުނިކަމަށްވަނީ މިއޮޑިއެއް ނުފެތޭނޭ! އާޚިރުގައި ނަތީޖާ އެއޮތީ ފެންނަން! އިރާދަފުޅާއި ނުގުޅުވައި ގަދަބަސް ބުނުމަކީ ފެއިލްވުމެއް!

ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެޖެންޑާ ކޮށްފައި އޮތީ މާދަމާ މެންދުރަށެވެ. އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ، ކުރިން އެމްޑީޕީގައި ބަރުލަމާނީއަށް ތާއީދު އޮތަސް، މިހާރު ނެތްކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހީފުޅުކުރައްވައިގެން ހުންނެވީ އެމްޑީޕީގެ ގިނަ މެމްބަރުން ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވާނެ ކަމަށެވެ.