ރާއްޖެއިން ފެނިގެން އުޅޭ އިންވޭސިވް މެނިންގޯކޮކަލް ޑިސީސް (އައިއެމްޑީ) އަކީ ގައިން ގަޔަށް އަރާ، ނުރައްކާތެރި ބައްޔެކެވެ. މިއީ ”މެނިންގޯކޮކަލް“ ބެކްޓީރިއާގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.

Ads by Asuru

ބަލީގެ ވަރަށް ކުރީކޮޅުގައި، އަވަސް ފަރުވާ ނުދެވިއްޖެނަމަ، ފުރާނައަށް ވެސް ނުރައްކާ ކުރުވާ ބައްޔެކެވެ. އެގޮތުން، ބައްޔަށް ޑައިގްނޯޒް ކުރެވޭތާ 24 ގަޑިއިރުގެ ތެރޭގައި، މި ބަލި ޖެހޭ މީހުން މި ދުނިޔެ ދޫކުރުމުގެ ފުރުސަތު އޮވެއެވެ.

ގިނަ މީހުން އެއްވެ، ތޮއްޖެހިގެން އުޅޭނަމަ، މި ބަލި ފެނުމުގެ ފުރުސަތު ބޮޑުވެއެވެ. ހައްޖު މޫސުމުގައި، މި ބައްޔާމެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހެނީ މިހެންވެއެވެ.

ލެޔަށް އިންފެކްޝަން ޖެހޭ މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. މި ބަލި ޖެހޭތާ ދެ ދުވަހާއި 10 ދުވަހާ ދެތެރޭގައި އަލާމާތްތައް ފެނެއެވެ. އާއްމުކޮށް 3 ނުވަތަ 4 ދުވަސްތެރޭގައި އަލާމާތްތައް ފެންނަން ފަށާނެއެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟ 

މި ބަލި ފެށެނީ އާދައިގެ ރޯގާއެއް ގޮތަށެވެ. ބަލީގައި މީހާގެ ހާލު ބޮޑުވަނީ ހަމަ ކުއްލިއަކަށެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި، ގަދަޔަށް ހުން އައުމާއި، ކަރަށް ވާންވުމާއި، ވާނުވާ ނޭނގުމާއި، ބޮލުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުމާއި، އަލިވުމުން އުނދަގޫވުން ހިމެނެއެވެ.

ބަލީގެ ސަބަބުން މީހާގެ ހާލަތު ގޯސްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައި، އެ ބިހިތައް ދަނބު ކުލައިގެ ލައްތަކަކަށް ބަދަލުވެއެވެ.

މެނިންގޯކޮކަލް ޖެހުމުގެ ފުރުސަތު ބޮޑީ ކޮން ބަޔަކަށް؟

މިއީ ހަމަ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެގޮތުން އެއް އަހަރު ނުވާ ތުއްތު ކުދިންނާއި، ފުރާވަރު އުމުރުގެ ކުދިންނާއި، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ބަލި ފަސޭހައިން ޖެހެއެވެ. ހަށިގަނޑުގައި ބައެއް މާއްދާތައް މަދުވެ، އެޗްއައިވީ ޖެހިފައި ހުންނަ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ވެސް މެނިންގޯކޮކަލް ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި ބަލި ފެތުރެނީ ކިހިނެއް؟ 

މި ބައްޔަކީ، އާއްމު ގޮތެއްގައި، އަރިދަފުސް ރޯގާ ގޮތަށް ފަސޭހައިން ޖެހޭ ބައްޔެއް ނޫނެވެ. ބަލި ޖެހިފައިވާ މީހެއްގެ ކުޅު އަނެކާއަށް ވާސިލުވުމުން، ނުވަތަ އެކުގައި ގިނައިރު އުޅެވުމުން މި ބަލި ގައިން ގަޔަށް އަރާފާނެއެވެ. 

މި ބަލި އެންމެ ފަސޭހައިން ފެތުރެނީ، ”ކްލޯޒް ކޮންޓެކްޓް“ ވުމުންނާއި، ”ލެންގްތީ ކޮންޓެކްޓް“ ވުމުންނެވެ.

ކްލޯޒް ކޮންޓެކްޓު ވުމުގެ އެއް މިސާލަކީ ބޮސްދިނުމެވެ. އަދި ބަލި ޖެހިފައިވާ މީހަކާއި އެއް ގެއެއްގައި އުޅުމަކީ ލެންގްތީ ކޮންޓެކްޓު ވުމުގެ މިސާލެކެވެ.

މި ބަލިން ސަލާމަތް ވާނީ ކިހިނެއް؟

ވެކްސިން ޖެހުން:

ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް(ސީޑީސީ) އިން ބުނާ ގޮތުގައި، މި ބަލިން ރައްކާތެރިވާން އެންމެ އެދެވިގެންވާ ގޮތަކީ މެނިންޖައިޓިސް ވެކްސިން ޖެހުމެވެ. ކުޑަކުދިންނާއި، ފުރާވަރު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި، ބަލީގެ ރިސްކު ބޮޑު މީހުންނަށް ވެކްސިން ދިނުން އެދެވިގެންވެއެވެ.

އެންޓިބަޔޮޓިކްސް:

މި ބަލި ޖެހިފައިވާ މީހުންނަށް އެންޓިބަޔޮޓިކް ދިނުމަކީ، ބަލި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި މުހިންމު ކަމެކެވެ. ވެކްސިން ޖަހަން ޖެހޭ މީހުން ކަނޑައަޅާނީ، ކަމާ ބެހޭ އިދާރާތަކުންނެވެ. މިއީ ރި-އިންފެކްޓް ވުން ނުވަތަ ދެ ވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު ކުޑަ ބައްޔެކެވެ. ނަމަވެސް ދިފާއީ ނިޒާމުގެ ބާރު ވަރަށް ކުޑަ ނަމަ، މެނިންގޮކޯކަލް ދެވަނަ ފަހަރަށް ވެސް ޖެހިދާނެއެވެ.

ީބަލި ޖެހިފައިވާކަން ދެނެގަންނަނީ ކިހިނެއް؟

މެނިންގޯކޮކަލް ޖެހިފައިވާކަން ދެނެގަންނަން އުނދަގޫ ވެދާނެ ސަބަބުތަކުގެ ތެރޭގައި، ބަލީގެ އަލާމަތްތައް، އާއްމު ބަލިތަކާ އެއްގޮތްވުން ހިމެނެއެވެ. ހުން އައުމާއި ކެއްސުމާއި ބޮލުގައި ރިއްސުމަކީ އާއްމު އެހެން ބަލިތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ.

މި ބައްޔަށް ޓެސްޓު ކުރުމަށް ލޭގެ ސާމްޕަލް ނަގާނެއެވެ. ނުވަތަ ސްޕައިނަލް ކޯޑު ކައިރިން ދިޔަ ނަގައިގެން ވެސް ބައްޔަށް ޓެސްޓު ކުރެވެއެވެ.

ބަލީގެ ފަރުވާ އަކީ ކޮބާ؟

މެނިންގޯކޮކަލް އަކީ ގޭގައި ދެވޭ ފަރުވާ އިން ރަނގަޅު ކުރެވޭ ބައްޔެއް ނޫނެވެ. މި ބަލި ޖެހިފައިވާކަން އެނގިއްޖެނަމަ، ސިއްހީ ހިދުމަތްތެރިން އަވަސްވެގަންނާނީ އެ މީހަކަށް އެންޓިބަޔޮޓިކް ދިނުމަށެވެ. އެންޓިބަޔޮޓިކް ދެނީ ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަ ކުރުމަށެވެ.

ބަލީގެ ހާލަތު ވަރަށް ސީރިއަސް ނަމަ، އިތުރު ފަރުވާ ވެސް ދޭން ޖެހެއެވެ. އެގޮތުން ނޭވަލާން ސަޕޯޓު ދިނުމާއި، ޑެޑް ޓިޝޫ ނެގުމަށް ސާޖަރީ ހެދުމާއި، ލޭގެ ޕްރެޝަރު މާ ބޮޑަށް ދަށް ވުމުން ފަރުވާ ދިނުން ހިމެނެއެވެ.