މާލެ ސިޓީގައި މިނީ ބަހުގެ ދަތުރުތަށް ފެށުމަށް، އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މިކަމަށް ސިޓީ ކައުންސިލުން އަންނަނީ އެއްބާރުލުން ދެމުންނެވެ.
އެގޮތުން މިކަމަށްޓަކައި ޕާކިން ޒޯނުތަށް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. ޒޯނުތައް ހެދުމުގެ މަސައްކަތް ފަށާފައިވަނީ އަމީނީ މަގުގެ ވިލީ ފުލުސް ކުރިމަތީގައި އޮތް ޖާގައިގައެވެ.
މިނީ ބަސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ މަޖީދީ މަގާއި އަމީނީ މަގުގައި ޕާކު ކުރުން މަނާކޮށް، ކުރިން އެ މަގުގައި އުޅަނދުތައް ޕާކު ކުރި މީހުންނަށް މާލެ ސިޓީ ކައުންސިލުން ދަނީ ބައެއް ޕާކިން ޒޯންތައް ހަދައިދެމުންނެވެ.
މާލެގެ މިނީ ބަސް ޙިދުމަތް ފެއްޓުމަށްޓަކައި މާލެ ސިޓީ އެކި ސަރަހައްދުތަކުގަ ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އަމީނީމަގު ޓްރެފިކް ޕޮލިސް ކައިރިން ވަނީ ޕާރކިންގ ޒޯނެއް ހަދާ، އެ ސަރަހައްދެގެ ކޮންކުރީޓު މަސައްކަތް އެއްކޮށް ނިންމާފައެވެ. pic.twitter.com/J7c5epgVi4
— Malé City Council (@MaleCitymv) August 25, 2022
މިނީ ބަހުގެ ހިދުމަތަށް 12 ބަސް ބޭނުން ކުރާނެއެވެ. މި ހިދުމަތް ދެނީ އެމްޓީސީސީންނެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވަނީ، މިނީ ބަހުގެ ހިދުމަތާ ގުޅޭގޮތުން ފޮނުވާ ސިޓީތަކަށް މާލެ ސިޓީ ކައުންސިލުން ޖަވާބު ނުދޭ ކަމަށާއި އެހެންވެ ބަސް ސްޓޮޕްތައް ނުބެހެއްޓިގެން އުޅޭ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެ ވާހަކަ ދޮގުކޮށް، މިނީ ބަހުގެ ހިދުމަތް ފެށުމަށް ސިޓީ ކައުންސިލުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ކަމާގުޅޭ އިދާރާތަކަށް ދެމުންގެންދާ ކަމަށް ވިދާޅުވެފައެވެ.
